Author
އަހުމަދު
02 ސެޕްޓެމްބަރ 2024 07:21
0

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރު ދެއްކި އާދަމް އަތުހަރު، 32, ދޫނިދޫގައި ބަންދުކޮށްފައި ހުއްޓައި ދަންޖެހިގެން މަރުވި މައްސަލައިގައި ފުލުހުން މިރޭ ނޫސްވެރިންނާ ބައްދަލު ކުރާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވުމަށް ހަމަޖެހިފައިވާ ނޫސްވެރިންގެ ބައްދަލުވުން ފެށުމަށް ހަމަޖެހިފައި ވަނީ މިރޭ 22:00 ގައެވެ.

އައިޖިއެމްއެޗާ ހަވާލާދީ ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ އަތުހަރަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ހަވީރު 4:08 ހާއިރު މަރުވެފައިވާ ކަމަށެވެ. އަތުހަރަކީ މީހަކު ރަހީނުކޮށް ވަޅިން ބިރު ދެއްކި މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި މީހެކެވެ.

އަތުހަރު ދަންޖެހުނު ސަބަބު ހޯދަން ފުލުހުންގެ ތަހުގީގެއް ވަނީ ފަށައިފައެވެ. އަދި އަތުހަރުގެ އޮޓްޕްސީ ހެދުމަށް ވަނީ ނިންމައިފައެވެ.

އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އަތުހަރު ދަން ޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އިރުއޮއްސި 19:02 ގައެވެ.

ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި އިރު، އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިންގައި ބުނެފައިވެއެވެ. އޭގެ އަށް މިނެޓު ފަހުން އަތުހަރު ލޯންޗެއްގައި މާލެ ގެނެސްފައިވެއެވެ. މާލެ ގެނެސް،19:17 ގައި އެމްބިއުލާންސަށް އަރުވައި 19:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައިވެއެވެ.

އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އޭނާގެ ލޯބިވެރިޔާއާ އެކު އުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައެވެ. އެ ދެބަސްވުން ހިނގައިގެން އުޅޭ ކަން ފުލުހުންނަށް އެންގީ އެ ގޭގައި އުޅޭ އެހެން ބައެކެވެ. ފުލުހުން އެ ގެއަށް އައުމާ އެކު މައްސަލަ އިތުރަށް ގޯސްވިއެވެ. ފުލުހުން ދިއުމާ އެކު ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި މަރުގެ އިންޒާރު ވެސް ދިނެވެ.

ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ.އަހުތަރު ހައްޔަރު ކުރުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ވެސް ފަރުވާ ހޯދިއެވެ. އަދި އޭނާ ދެ ހޮސްޕިޓަލުން ވެސް ދޫކޮށްލީ ހެދި ޓެސްޓުތަކުން ސީރިއަސް މައްސަލައެއް ފާހަގަ ނުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.