ބެސްޓިންއާއެކު އަލުން އެއްބަސްވުމަކަށް ދިޔައީ ބޮޑި ބަދަލެއް ދޭން ޖެހިދާނެތީ: އިހުސާން

ބެސްޓިންއާއެކު އަލުން އެއްބަސްވުމަކަށް ދިޔައީ ބޮޑި ބަދަލެއް ދޭން ޖެހިދާނެތީ: އިހުސާން

Author
ޙަސަން މުޙައްމަދު
29 އޮގަސްޓް 2024 09:08
0

އެކްސްޕެޓް ސިސްޓަމެއް ތައްޔާރުކުރުމަށް މެލޭޝިއާގެ ކުންފުނި ބެސްޓިންއާއެކު އަލުން އެއްބަސްވުމަކަށް ދިޔައީ، ކުރީގެ އެއްބަސްވުން ހުއްޓާލުމާ ގުޅިގެން އެ ކުންފުންޏަށް ދޭންޖެހޭ ބަދަލުގެ ގޮތުގައި ލުއި އުސޫލެއް ހޯދުމަށް ކަމަށް މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

އިސްކަންދަރު ކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ހާމަކުރެއްވި ގޮތުގައި 2016 ގައި ބެސްޓިންއާއެކު 15 އަހަރަށް ހެދި ސިސްޓަމް ބޭނުންކުރުން 2019 ގައި ހުއްޓާލީ، ބަންގްލަދޭޝް މަސައްކަތްތެރިން ރާއްޖެ ގެނައުން ހުއްޓާލަން ނިންމުމާ ގުޅިގެންނެވެ. ސިސްޓަމް ހުއްޓާލުމަށްފަހު ސަރުކާރުން ބެސްޓިންއާ އެއްވެސް މުޢާމަލާތެއް ކޮށްފައިނުވާ ކަމަށާއި، އެ ކުންފުނިން ފޮނުވި ސިޓީތަކަށް ޖަވާބު ދީފައިނުވާ ކަމަށެވެ.

ބެސްޓިންއިން ހުށަހެޅި ދެ އޮޕްޝަނަކީ 13.7 މިލިއަން ޑޮލަރުގެ ގެއްލުމުގެ ބަދަލު ދިނުމާއެކު، އެއްބަސްވުމުގެ ބާކީ މުއްދަތަށް ލިބޭ ގެއްލުމަށް ސަރުކާރުން ޒިންމާވުމާއި، އިތުރު ޚިދުމަތްތަކާއެކު ފުރިހަމަ ފޮރިން ޕްލޭސްމަންޓް ސިސްޓަމެއް ރާއްޖޭގައި ޤާއިމްކުރުމެވެ.

މިނިސްޓަރު އިހުސާން ވިދާޅުވީ ގައުމުގެ މާލީ ހާލަތަށް ރިޢާޔަތްކޮށް، ބޮޑު ބަދަލެއް ދިނުމުގެ ބަދަލުގައި އާ ސިސްޓަމެއް ޤާއިމްކުރަން ބެސްޓިންއާ ހަވާލުކުރަން ނިންމި ކަމަށާއި، މިކަމާ ގުޅޭ އެއްބަސްވުމަކަށް މިދިޔަ މެއި މަހު ވާސިލުވެފައިވާ ކަމަށެވެ. އާ އެއްބަސްވުމާ އެކު، ބިދޭސީއެއްގެ އަތުން ސަރުކާރަށް ލިބޭ ފީގެ ތެރެއިން 1,542 ރުފިޔާ ބެސްޓިންއަށް ދައްކަންޖެހޭނެ ކަމަށާއި، 4,658 ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށެވެ.

މިހާރު އެކްސްޕެޓް ސިސްޓަމްގައި 221,231 އެކްޓިވް ވޯކް ޕާމިޓް އޮތް ކަމަށާއި، އޭގެ ތެރެއިން 50% އިން ގަވާއިދުން ފީ ދައްކާ ކަމަށް އިހުސާން ވިދާޅުވިއެވެ. އަލަށް ހަދާ ސިސްޓަމަކީ ފަސޭހައިން ބަޔޯމެޓްރިކް ނެގި، ދައުލަތުގެ ސިސްޓަމްތަކަށް އިންޓަގްރޭޓް ކުރެވޭނެ ސިސްޓަމެއް ކަމަށާއި، އަންނަ ފެބްރުއަރީ މަހު އެ ސިސްޓަމް ބޭނުންކުރަން ފަށާނެ ކަމަށެވެ.

އާ ސިސްޓަމާއެކު، މިހާރު ދައުލަތަށް ލިބޭ 685 މިލިއަން ރުފިޔާގެ ބަދަލުގައި 927 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.