އިސްލާމިކް މިނިސްޓްރީން ހުޅުމާލޭގައި އަޅާ ވަގުފު އިމާރާތެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކޮށްފިއެވެ.
ރޭ ގެޒެޓުގައި ޝާއިޢުކުރި އިޢުލާނުގައި ބަޔާންކޮށްފައިވާ ގޮތުގައި، ހުޅުމާލެ ފޭސް 1 ގައި "ދާރުއް ސަލާމް" ގެ ނަމުގައި 12 ބުރީގެ އޮފީސް އިމާރާތެއް އެޅުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫޢުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ދިވެހި އަދި ބޭރުގެ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުޞަތު ދެވިފައިވާ ކަމަށް އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ. ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 26 ވަނަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓަރީ ކުރުމަށް އަންގާފައިވެއެވެ.
މިހާރުވެސް މާލޭގައި "ދާރުލްއީމާން" ގެ ނަމުގައި ވަގުފު އިމާރާތެއް ހިންގަމުންދާއިރު، މި ސަރުކާރުން ވަނީ ވަގުފުތައް އިތުރުކުރުމަށް ނިންމާފައެވެ. ޑރ. މުޙައްމަދު ޝަހީމް އިސްލާމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގަތުމަށްފަހު، ވަގުފުގެ ގޮތުގައި މިސްކިތް ބިނާކުރުމަށް ޚާއްޞަ ފުރުޞަތުތަކެއް ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ