ނ.ހެނބަދޫ ޕޮލިސް ޕޯސްޓްގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އާއިލާތަކާއި މުދަލަށް ގެއްލުންދޭނެ ކަމަށްބުނެ އިންޒާރުދީ، ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީ އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައިގެ ތަޙްގީގަށް ހައްޔަރުކޮށްފައިވާ 2 މީހުންގެ ވަނަވަރު އާންމު ކޮށްފިއެވެ.
މިމައްސަލާގައި ހައްޔަރު ކޮށްފައިވަނީ ނ. ހެނބަދޫ ސެލްވިޔޯ އިލްޔާސް އިބުރާހިމް 33، އާއި ހަމަ އެ ރަށު ހުދުތަރި މުހައްމަދު އިރުޝާދު 33، އެވެ.
މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާތީ ނ. ހެނބަދޫގައި ދެ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ ރޯކޮށްލައިފި މައްސަލާގައި ދެ މީހުން ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައިވާކަން ފުލުހުން ހާމަކޮށްފައިވަނީ މިއަދުއެވެ.
ފުލުހުން ބުނީ އެ ދެ މީހުން ހައްޔަރުކުރީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަކަށް ގެއްލުން ދީ، އިތުރު ފުލުހެއްގެ ސައިކަލު ރޯކޮށްލި މައްސަލައާ ގުޅިގެން ކަމަށެެވެ.
އެ ދެ މީހުންނަށް ހެނބަދޫ ޕޮލިސް ޕޯސްޓުގައި މަސައްކަތް ކުރާ ފުލުހުންނާއި، ފުލުހުންގެ އާއިލާތަކުގެ އިތުރުން މުދަލަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.
ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު "އެކްސް" ގައި މީގެކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެނބަދޫގައި ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި އިތުރު ފުލުހެއްގެ ސައިކަލުގައި އެދުވަހުގެ ރޭ ދަންވަރު ވަނީ ރޯކޮށްލާފައި ކަމަށް ޝިފާން ވިދާޅުވި އެވެ.
"މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތު ކަމަށް ކުޑަވެސް ބަދަލެއް ނާންނާނެކަން މިފަދަ ވިސްނުމުގައި އަމަލު ކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދެން،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.
ޝިފާން ވިދާޅުވި ގޮތުގައި މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުން އަންނަ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމުގަ އެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގަމުން އަންނައިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ނެޓްވޯކުތައް ދެނެގަނެވިފައިވާ ކަމަށާއި އެކަމާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނެސްގެން އެ މީހުން އަތުލައިގަނެވޭނެ ކަމަށެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު އެންމެ ގިނައިން ދައުވާކުރީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. އެފަދަ 79 މައްސަލައެއްގައި އެ މަހު ވަނީ ދައުވާކޮށްފަ އެވެ.
ކޮމެންޓު ފޮނުވާ