ދެ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

ދެ ފުލުހެއްގެ ސައިކަލުގައި ރޯކޮށްލައިފި

Author
ޙަސަން މުޙައްމަދު
02 އޮގަސްޓް 2024 11:50
0

މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާތީ ނ. ހެނބަދޫގައި ދެ ފުލުހެއްގެ ސައިކަލަށް ގެއްލުންދީ ރޯކޮށްލައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ތަރުޖަމާނު އަހުމަދު ޝިފާން މިއަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހެނބަދޫގައި އިއްޔެ ފުލުހެއްގެ ސައިކަލަކަށް ގެއްލުންދީފައިވާ ކަމަށެވެ. އަދި އިތުރު ފުލުހެއްގެ ސައިކަލުގައި ރޭ ދަންވަރު ވަނީ ރޯކޮށްލާފައި ކަމަށް ޝިފާން ވިދާޅުވި އެވެ.

"މިފަދަ ފިނޑި އަމަލެއްގެ ސަބަބުން ފުލުހުންގެ ހިތްވަރާއި ސާބިތު ކަމަށް ކުޑަވެސް ބަދަލެއް ނާންނާނެކަން މިފަދަ ވިސްނުމުގައި އަމަލު ކުރަމުންދާ ފަރާތްތަކަށް ހަނދާންކޮށްދެން،" ފުލުހުންގެ ތަރުޖަމާނު ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި މިކަމަކީ ނޫނު އަތޮޅުގައި ފުލުހުން ހިންގަމުން އަންނަ މަސްތުވާތަކެތީގެ އޮޕަރޭޝަނަކާ ދެކޮޅަށް އެކަމުގައި ތުހުމަތު ކުރެވޭ ބަޔަކު ކޮށްފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭ ކަމުގަ އެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަންތައް ހިންގަމުން އަންނައިރު، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މީގެކުރިން ވިދާޅުވެފައި ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންގެ ނެޓްވޯކުތައް ދެނެގަނެވިފައިވާ ކަމަށާއި އެކަމާ ގުޅުންހުރި ގާނޫނުތަކަށް އިސްލާހު ގެނެސްގެން އެ މީހުން އަތުލައިގަނެވޭނެ ކަމަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ ޖޫން މަހު އެންމެ ގިނައިން ދައުވާކުރީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ. އެފަދަ 79 މައްސަލައެއްގައި އެ މަހު ވަނީ ދައުވާކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.