އެމްޑީއެންގެ ތަހުގީގު ހާމަކުރަން އެދި 20 ޝައިހުންގެ ޕެޓިޝަނެއް މިނިސްޓަރަށް!

އެމްޑީއެންގެ ތަހުގީގު ހާމަކުރަން އެދި 20 ޝައިހުންގެ ޕެޓިޝަނެއް މިނިސްޓަރަށް!

Author
ޢަލީ އާދަމް
24 ޑިސެމްބަރ 2020 10:57
0

އެމްޑީއެން އިން އިސްލާމްދީނާ ހިލާފަށް ރިޕޯޓެއް ނެރުނު މައްސަލައިގެ ތަހުގީގު ގޮސްފައިވާ މިންވަރު ހާމަ ކޮށްދެއްވުން އެދި 20 ޝައިހެއްގެ ނަމުގައި އިސްލާމިކް މިނިސްޓަރަށް ޕެޓިޝަނެއް ހުށައަޅައިފިއެވެ.

އިސްލާމިކް މިނިސްޓަރ ޑރ. އަޙުމަދު ޒާހިރު އަށް އެޑްރެސް ކުރައްވާ ދީނީ އިލްމުވެރިން އިއްޔެ ހުށަހެޅި މި ޕެޓިޝަންގައި ވަނީ އެމްޑީއެން އޭ ކިޔުނު ޖަމިއްޔާއަކުން އިސްލާމްދީނާއި ދެކޮޅަށް އެކުލަވާލާފައިވާ ރިޕޯޓެއްގެ މައްސަލަ މިދިޔަ އަހަރު ގެ ފަހުކޮޅު ފެންމަތިވެ އެކަމާދެކޮޅަށް ގިނަބަޔަކު އަޑު އުފުލުމުން އެ އަހަރުގެ ޑިސެމްބަރު 19 ވަނަދުވަހު އެ ޖަމިއްޔާގެ ނަން، ދިވެހިރާއްޖޭގެ މަދަނީ ޖަމިއްޔާތަކުގެ ދަފްތަރުން އުނިކޮށްފައިވާކަމަށެވެ.

ނަމަވެސް އޭގެ ފަހުން އެއް އަހަރު ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު ވެސް، އެމްޑިއެން ގެ އެރިޕޯޓު ލިޔުނު ފަރާތްތަކާމެދު އެއްވެސް ތަހުގީގެއް ހިންގިކަމެއް ފުލުހުން ހާމަ ކޮށްފައި ނުވާކަމާއި އެކަމުގެ މައުލޫމާތު ވެސް އެއްވެސް ފަރާތަކާ ހިއްސާ ކޮށްފައި ނުވާކަން ވެސް އިލްމުވެރިންގެ ޕެޓިޝަންގައި ވަނީ ފާހަގަ ކޮށްފައެވެ.

"މިކަމަކީ ކޮންމެ މުސްލިމު ރައްޔިތަކު ވެސް، އަދި ވަކިން ޚާއްސަކޮށް އަޅުގަނޑުމެން ދިވެހިރާއްޖޭގައި ދީނީ ވަޢުޛު ބުނުމުގެ ހުއްދަ ތިޔަ މިނިސްޓްރީން ދެއްވާފައިވާ ފަރާތްތަކުގެ ހައިސިއްޔަތުން، ނުހަނު ކަންބޮޑުވާ ކަމެކެވެ. "

– އިލްމުވެރިންގެ ޕެޓިޝަންގައި ލިޔެފައި ވެއެވެ.

މި މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބެއް ފުލުހުން ކިބައިން ބައްލަވާ ހާމަކޮށްދެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އަށް މި ޕެޓިޝަންގައި އިލްމުވެރިން ވަނީ ދަންނަވާފައެވެ.

މި ޕެޓިޝަންގައި އެމްޑީއެންގެ މި ރިޕޯޓު ސިފަކޮށްފައިވަނީ ދީނުގެ އިލްމާއި މަޢުރިފާ ރަނަގަޅަށް ލިބިފައިނެތް ބައެއް ޒުވާނުން ލައްވާ އެކިއެކި ހައްގުތަކުގެ ނަމުގައި ލާދީނީ ތަފާތު ފިކުރު ފަތުރަން ކޮށްފައިވާ މަސައްކަތެއްގެ ގޮތުގައެވެ.

އިލްމުވެރިންގެ ފަރާތުން މި ޕެޓިޝަން މިނިސްޓަރީއަށް ފޮނުއްވާފައިވަނީ އައްޝައިޙް އާދަމް ނިޝާން ބިން ޢަލީ އާދަމް އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.