ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ: އަސްވާޑު

ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް އެޅުމުގެ މަސައްކަތް ކުރިއަށް އެބަދޭ: އަސްވާޑު

Author
އަހުމަދު
21 ޖުލައި 2024 01:29
0

ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ރޭ ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ "އަންވެއިލިން ވިޝަންސް 2024″ މައުރަޒު ބައްލަވާލެއްވުމަށް ފަހު، އަސްވާޑް ވިދާޅުވީ ކުރެހުމާއި ފަންނުވެރިކަމުގެ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުގެ ހާއްސަ ޕްލޭނެއް އެބައޮތް ކަމަށެވެ. އެގޮތުން ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަދި މިހާރު ކުރިއަށް ދަނީ އާޓް ސްކޫލްގެ އައުޓްލައިން ތައްޔާރުކުރުމުގެ މަސައްކަތް އޭނާ ވިދާޅުވިއެވެ.

"އެކަމުގެ ތަޖުރިބާކާރުންނާއެކު މަސައްކަތް ކުރަމުން މިދަނީ އައުޓްލައިން ތައްޔާރުކުރުމަށް. ކުރެހުމާއި ގުޅޭދާއިރާތައް އެ އައުޓްލައިންގައި ހިމެނޭ." އަސްވާޑް ވިދާޅުވިއެވެ.

"އެންމެ މުުހިންމު ކަމެއްގެ ގޮތުގައި ބައިނަލްއަގްވާމީ ފެންވަރުގެ އާޓް ސްކޫލެއް، ރާއްޖޭގައި ﷲ އިރާދަފުޅު ކުރެއްވިއްޔާ ރައީސްގެ ޒައާމަތް ނިމުމުގެ ކުރިން ތިޔަ ބޭފުޅުންނަށް ހުޅުވިގެން ދާނެ،،".

އަސްވާޑް ވަނީ ރާއްޖޭގެ ފަންނުވެރިންގެ މަސައްކަތްތައް ބޭރުގެ ފަރާތްތަކަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަން ފާހަގަ ކުރައްވައިފައެވެ. އެގޮތުން މައުރަޒްތައް ނެތް ކަމުގައިވާ ނަމަ، އާޓްގެލެރީ ބަންދުކޮށްފައި ހުންނަ ހުރުން ނިމުމަކަށް ގެނެސް، ވަކި އުސޫލެއްގެ ދަށުން ކޮންމެ މަހަކުވެސް ހާއްސަ ކަލެކްޝަނަކާ އެކު ފަތުރުވެރިންނަށް އާޓް ގެލެރީގައި ހުންނަ ފަންނުވެރިންގެ މަސައްކަތް ދައްކާލެވޭނެ ގޮތް ހަމަޖައްސާނެ ކަމުގައި އޭނާ ވިދާޅުވިއެވެ.

އަސްވާޑް ވިދާޅުވި ގޮގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޒައާމަތުގައި އެކަނި ވެސް 9 އެގްޒިބިޝަން ބޭއްވުނު ކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން މެނިފެސްޓޯގައި ހިމަނާފައިވާ ގޮތަށް ފަންނުވެރިކަމުގެ ދާއިރާ ކުރިއަރުވައި އެ ދާއިރާ އަށް ވާގިވެރިވުމަށް ދޭން ޖެހޭ އެއްބާރުލުން ސަރުކާރުގެ ފަރާތުން ލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.