ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް އިމިގްރޭޝަންއިން ކުރިއަށްގެންދާ އޮޕަރޭޝަންގެ ތެރެއިން، ރޭ ވެސް ވަނީ މާލެ ސަރަހައްދުން 04 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް އިމިގްރޭޝަންއިން ބުނެފިއެވެ.
އިމިގްރޭޝަންއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އޭގެތެރޭގައި ފަހާ ތަނަކާއި މޯބައިލް ސާވިސްކުރާ 02 ތަނެއްގެ އިތުރުން 02 ފިހާރައެއް ހިމެނޭ ކަމުގައެވެ. އެގޮތުން ރޭ ބަލާ ފާސްކުރި ހުރިހާ ތަނެއްގައި މަސައްކަތް ކުރަމުންދިއަ ބިދޭސީންނަކީ ސައްހަ ވިސާ އޮވެ، ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަމުން ދާކަން ފާހަގަ ކުރާކަމަށް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވިދާޅުވެފައިވަނީ މިދިޔަ ހަފްތާއިން ފެށިގެން ފުޅާ ދާއިރާއެއްގައި އިމިގްރޭޝާންއިން ހާއްސަ އޮޕަރޭޝަން ކުރިއަށް ގެންދާކަމަށެވެ. މި އޮޕަރޭޝަންތައް ޚާއްސަ ކުރެވިފައި ވަނީ ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން ރާއްޖޭގައި އަމިއްލަ ވިޔަފާރި ކުރާ ފަރާތްތަކާއި، އަމިއްލައަށް ދިވެއްސަކާއި ނުގުޅި މި ވިޔަފާރީގައި އިންވޯލްވެގެންދާ ފަރާތްތަކަށްކަމަށް އޭނާ ވިދާޅުވިއެވެ.
ޝައްމާން ވިދާޅުވީ މީގެ ތެރޭގައި އެހެން މައްސަލަތަކުގައި ޝާމިލުވާ މީހުންވެސް ހިމެނޭކަމަށެވެ. މާރުކޭޓް ގޮޅިތަކުގައި ބިދޭސީއިން ތިބޭ މައްސަލަ ވަރަށް ގާތުން ބަލަމުން ދާކަމަށް ޝައްމާން ވިދާޅުވިއެވެ.
އެގޮތުން ތަންތަން ބަލާ ފާސްކުރުމުގެ މި އޮޕަރޭޝަން ހުއްޓާނުލާނެކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންގޮސް ނަތީޖާ ނެރެދެއްވާނެކަމަށް ޝައްމާން ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ