ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، ރޭ މާލޭގައި ޓޭކްއަވޭ/ކެފޭ ހިންގަމުންދާ 4 ތަނެއް ބަލައި ފާސްކޮށް، ބިދޭސީ 6 ފިރިހެނަކާއި 1 އަންހެނެއް އިމިގްރޭޝަން ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަންއިން ބުނެފައިވަނީ، މީގެތެރެއިން 3 ބިދޭސީން ހިންގަމުންދިއަ ކެފޭއެއް ވަނީ ބަންދުކުރެވިފައި ކަމަށާއި، އިމިގްރޭޝަންގެ ވެހިކަލަށް ގެއްލުން ދިނުމުގެ ސަބަބުން ބެލުމުގެ ދަށަށް ގެނެވުނު ބިދޭސީއެއް ވެސް މީގެތެރޭގައި ހިމެނޭ ކަމަށެވެ. މިފަރާތްތަކާމެދު އިމިގްރޭޝަން ގާނޫނުގެ ދަށުން އެންމެ ހަރުކަށި ފިޔަވަޅު އެޅިގެންދާނެކަމަށްވެސް އިމިގްރޭޝަންއިން ބުނެފައި ވެއެވެ.
ފަހަކަށް އައިސް އިމިގްރޭޝަނުން ގެންދަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ ބިދޭސީންތަކެއް ހައްޔަރުކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން ކޮންމެ ރެއަކުކަހަލަ ގޮތަކަށް ދަނީ ބިދޭސީން ހައްޔަރު ކުރަމުންނެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން ރޭ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ރޭ ބަލައިފާސްކޮށް، އެ އޮޕަރޭޝަންގެ ތެރެއިން ބިދޭސީ ހަތަރު ފިރިހެނަކާއި ދެ އަންހެނުން އިމިގްރޭޝަނުގެ ބެލެމުުގެ ދަށަށް ގެންގޮސްފައިވާ ކަަމަށެވެ.
އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން އިމިގްރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެފަދަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 1800 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.
ކޮމެންޓު ފޮނުވާ