ވެލާނާ އެއާޕޯޓުގައި "ވެލްކަމް" މޮނިއުމަންޓެއް ހަދައިފި

ވެލާނާ އެއާޕޯޓުގައި "ވެލްކަމް" މޮނިއުމަންޓެއް ހަދައިފި

Author
އަހުމަދު
09 ޖުލައި 2024 03:21
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ހެދި "ވެލްކަމް" މޮނިއުމަންޓް މިއަދު ހުޅުވައިފިއެވެ.

މި މޮނިއުމަންޓް ބަހައްޓާފައި ވަނީ ސިނަމާލެ ބްރިޖުން ފައިބައިގެން ގޮސް، ހުޅުލެ އަށް ވަންނަން އޮންނަ މަގުގެ މެދުގައެވެ. މި މޮނިއުމެންޓުގައި ވެލާނާ އެއާޕޯޓުގެ ނަން ބޯޑަކާއި އޭގެ މަތީގައި ގަޑިއެއް ވެސް ހަރުކޮށްފައިވެއެވެ.

އަދި، ވެލާނާ އެއާޕޯޓުގެ އާ ޓާމިނަލްގައި ބޭނުންކުރާ ދިވެހި ގަލުވަޑާމުގެ ޑިޒައިން ވެސް ބޭނުންކޮށްފައިވެއެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ މި މޮނިއުމަންޓްގައި ހުރި އެލްއީޑީ ސްކްރީންގެ ޒަރިއްޔާ އިން އެއާޕޯޓުގައި ހިނގަމުން އަންނަ އިވެންޓުތައް ފެންނަން ހުންނާނެ ކަމަށެވެ.

އެމްއޭސީއެލްއިން ހެދި މި މޮނިއުމެންޓް ހުޅުއްވައި ދެއްވީ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުނީގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުން ކަމަށްވާ މުހައްމަދު ލަމްއާން އަދި މުޖުތަބާ ލަތީފެވެ.

އެމްއޭސީއެލް އިން ބުނެފައިވަނީ މިފަދަ މޮނިއުމަންޓެއް ބެހެއްޓީ ވީއައިއޭ ބޭނުން ކުރާ ފަސެންޖަރުންނަށް ތަފާތު ތަޖުރިބާއެއް ދިނުމުގެ ބޭނުމުގައި ކަމަށެވެ. އަދި ހުޅުލޭގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނައުމަށް ރީ ޑިޒައިން ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމުގައި އެމްއޭސީއެލް އިން ބުނެފައިވެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ އެއްބައި އަންނަ ނޮވެމްބަރު މަހު ނިންމައި، އެތަނުން ހިދުމަތް ދޭން ފަށަން އަންނަނީ ތައްޔާރުވަމުންނެވެ. އެ ޓާމިނަލް އެއްކޮށް ނިންމާލެވޭ ވަރު ވާނީ އަންނަ އަހަރުއެވެ.

ޓާމިނަލް އަވަހަށް ނިންމަން ސައުދީ ފަންޑުން 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) އާއި އަބޫ ދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓް (އޭޑީއެފްޑީ) އިން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ) ވަނީ ހޯދައިފައެވެ. އާ ޓާމިނަލް އެއްކޮށް ބޭނުންކުރަން ފެށުމުން ގާތްގަނޑަކަށް އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.