ކޮންޓެކްޓް ޓްރޭސިން ނިމުނުއިރު މެނިންގޮކޯކޮލްގެ އިތުރު ކޭސްއެއް ފާހަގައެއް ނުވި

ކޮންޓެކްޓް ޓްރޭސިން ނިމުނުއިރު މެނިންގޮކޯކޮލްގެ އިތުރު ކޭސްއެއް ފާހަގައެއް ނުވި

ގުޅުންހުރި

މެނިންގޮކޯކޮލް ބަލީގެ އިތުރު ކޭސްއެއް ރިޕޯޓް ކޮށްފައި ނުވާ ކަމަށާއި، ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިންމާލައިފައިވާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

މެނިންގޮކޯކޮލް ގާއިން ގަޔަށް އަރާ ބައްޔެކެވެ. ބަލީގެ އެންމެ ބޮޑު އެއް އަލާމާތަކީ ހަށިގަނޑުގެ އެކި ތަންތަން ނޫފައިގެންފައި ހުންނަ ގޮތަކަށް ހުރުމެވެ. މީގެ އިތުރުން ގަދައަށް ހުން އައުމާއި ގައިގައި ރިއްސުން ފަދަ އަލާމަތްތައް ހުރެ އެވެ.

މިއީ ރާއްޖޭގައި އުޅޭ ބައްޔެއް ނޫނެނެވެ. ނަމަވެސް މި ބަލި ރާއްޖޭން ފެނިފައި ވަނީ މިއަހަރުގެ ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށްފަހު އައި މަޝްހޫރު ފުޓްބޯޅާ ކުޅުންތެރިޔާ މުހައްމަދު އާރިފް (ބަކާ) ގެ ގައިންނެވެ. އެ ބަލީގައި ވަރަށް ބޮޑަށް ހާލު ސީރިއަސްވުމަށްފަހު އޭނާ ވަނީ މިދިޔަ މަހުގެ 23 ވަނަ ދުވަހު ނިޔާވެފަ އެވެ.

ބަކާގެ ގައިން މި ބަލި ފެނުމާއެކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ކޮންޓެކްޓް ޓްރޭސް ކުރުމުގެ މަސައްކަތް ފަށާފަ އެވެ. މި މަސައްކަތް މިހާރު ނިންމާލާފައިވާ ކަމަށް އެޗްޕީއޭ އިން މިއަދު ވަނީ ބުނެފަ އެވެ. އެޗްޕީއޭ އިން ބުނީ ޖުމްލަ 46 ކޮންޓެކްޓުން ދެނެގަނެވިފައިވާ ކަމަށެވެ. މީގެ ތެރެއިން ބޭސް ދިނީ ގާތް ކޮންޓެކްޓުންނަށެވެ.

"ކްލޯޒް ކޮންޓެކްޓުންނަށް ވަނީ ބޭސް ދެވިފައި. އިތުރު ކޭސްއެއް އެޗްޕީއޭއަށް ރިޕޯޓް ކުރެވިފައެއް ނުވޭ. މި ބައްޔަކީ މުޖުތަމައުގެ ތެރެއަށް ފެތުރިގެން ދިއުމުގެ ނުރައްކާ ވަރަށް ކުޑަ ބައްޔެއް،" އެޗްޕީއޭ އިން ބުންޏެވެ.

މި ބަލި ރާއްޖޭގައި ފެތުރެމުން ނުދާ ކަމަށާއި، ބަލީގެ ވެކްސިން ޖަހަން ޖެހޭ ފަދަ ހާލަތެއް ނެތް ކަމަށް ކުރިން އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. އުމްރާ ނުވަތަ ހައްޖަށް ދާ މީހުންނާއި މަތީ ދަރަޖައެއްގައި މެނިންގޮކޯކޮލް ބަލި އުޅޭ ގައުމުތަކަށް ދަތުރުކުރާ މީހުން މި ވެކްސިން ޖަހަން ޖެހެ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ