އައްޑޫ ސިޓީގައި މަސްވެރިން މުޒާހަރާ ކުރަނީ އެމީހުންނަށް ނުދެވި ހުރި ފައިސާ ދޭނެ ކަން ޕީއެންއެފް/އެމްޑީޕީ ކޯލިޝަނަށް ޔަގީންވާތީ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީގެ މެމްބަރު އިބްރާހިމް ޝުޖާއު މިއަދު ވިދާޅުވެއްޖެއެވެ.
މަސްވެރިންނަށް ދޭން ޖެހޭ ފައިސާ މިފްކޯއިން ނުދޭ ކަމަށް ބުނެ ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ހުޅުމީދޫގައި 80 މަސްވެރިން ގެންދަނީ މުޒާހަރާ ކުރަމުންނެވެ. އެ މުޒާހަރާގެ ބައިވެރިން މިހާރު ވަނީ ހުޅުމީދޫގައި ހުންނަ މިފްކޯގެ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންސްތަކަށް ވެސް ހުރަސް އަޅައިފައެވެ.
ޝުޖާއު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި މަސްވެރިންނަށް ނުދީ ހިފަހައްޓާފައިވާ ފައިސާއާއިއެކު 800 މިލިއަން ރުފިޔާ، ފައިސާ ޗާޕް ނުކޮށް މަސްވެރިންނަށް ދިނުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ކާމިޔާބީއެއް ކަމަށެވެ. އަދި މިހާތަނަށް ނުދެވިފައިވާ ފައިސާ ލަސްތަކެއްނުވެ މަސްވެރިންނަށް ދެއްވާނެ ކަމުގެ ޔަގީން ކަން ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވި ގޮތުގައި މުޒާހަރާ ކުރަމުންދަނީ ފައިސާ ދޭނެކަން އެމްޑީޕީ/ޕީއެންއެފް ކޯލިޝަނަށް ޔަގީންވާތީއެވެ.
"އަޅުގަނޑުމެންނަށް ތި އޮޕަރޭޝަން ހިނގާ ގޮތް ވަރަށް ސާފުކޮށް އެބަ އެނގޭ. ރައީސް މުއިއްޒުގެ ސަރުކާރުގެ މަސްވެރިކަމާ ބެހޭ ވަޒީރަށް އަދި މާ ރަނގަޅަށް ތި އޮޕަރޭޝަން ދާގޮތް ސާފުވޭ." ޝުޖާއު ވިދާޅުވެފައިވެއެވެ.
މުޒާހަރާ ކުރާ ނަމަ، މި ސަރުކާރުގެ ވަޒީރުން އަޑު އައްސަވާނެ ކަމަށާއި ހައްލު ވެސް ކުރައްވާނެ ކަމަށް ޝުޖާއު ވިދާޅުވިއެވެ. ނަމަވެސް މީގެ ކުރިން މަސްވެރިކަމާބެހޭ ވަޒީރެއް ހުންނަ ކަމެެއް ވެސް ނޭނގޭ ކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި މަސްވެރިން މުޒާހަރާކުރުމުން އޭރު އެންމެން ލަނީ ޖަލަށް ކަމަށް ވިދާޅުވިއެވެ.
ޝުޖާއު ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން މަސްވެރިން ބިކަ ނުކުރާނެ ކަމަށެވެ.