ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މަސައްކަތްކުރި ދެ މުވައްޒަފަކަށް ހަމަލާދީ، މާރާމާރީ ހިންގި މައްސަލައިގައި ހައްޔަރުކުރި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް 10،800 ރުފިޔާއިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ވެލާނާ އިންޓަނޭޝަލަން އެއާޕޯޓް (ވީއައިއޭ)ގެ ޑިޕާޗާ ޓާމިނަލުގައި މިމަހުގެ 7 ވަނަ ދުވަހު މާރާމާރީ ހިންގި އެމެރިކާ ރާއްޖެއިން ފުރުން މަނާކުރުމަށްފަހު ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ދޫކޮށްލިއެވެ.
އެ މީހާގެ ބަންދާ މެދު ގޮތެއް ނިންމަން ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، އެ ކޯޓުން އޭނާ ދޫކޮށްލީ ބައެއް ޝަރުތުތައް ކުރުމަށް ފަހުގައެވެ.
އެ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ ގާނޫނީ ކުށެއް ނުކުރުމަށާއި ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ ފިޔަވައި އެހެން އެއްވެސް ތަނަކަށް ދަތުރު ނުކުރުމަށާއި ތަހުގީގަށް ބަޔާން ދިނުމަށް ފުލުހުންގެ އިދާރާ އަށް ހާޒިރުވުމަށް ކުރި ޝަރުތެވެ.
އެ މީހާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި މާރާމާރީ ހިންގީ ބަރުވި ލަގެޖަށް ފައިސާ ދައްކަން އެންގުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ.
އެ މައްސަލައިގައި ދައުލަތުން ވަނީ ހަޑަޑް ވިސާމްގެ މައްޗަށް އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާއާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އުފުލައިފައެވެ. ދައުލަތާ އެކު ހަދާފައި އޮތް އިއުތިރާފުގެ އެއްބަސްވުމެއްގެ ދަށުން، ދެ ދައުވާއަށް ވެސް އޭނާ ވަނީ އިއުތިރާފުވެފައެވެ.
އެހެންވެ، އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާގައި އޭނާ 7،200 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ހުކުމްކޮށްފައެވެ. އަދި، ގައިގައި އަތްލުމުގެ ކުށުގެ ދައުވާގައި އޭނާގެ މައްޗަށް އިއްވާފައިވަނީ 3،600 ރުފިޔާގެ ޖޫރިމަނާއެކެވެ. އެއީ، ޖުމުލަ 10،800 ރުފިޔާގެ ޖޫރިމަނާ އަދަބެކެވެ.
އެ ފައިސާ މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ދައްކާ ޚަލާސްކުރަން ވަނީ އަންގައިފައެވެ.
މި މާރާމާރީއާ ގުޅޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އެ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީމީހާ ގޮސް ޖަހަނީ އެއާލައިން މުވައްޒަފެއްގެ މޫނުމަތީގައެވެ. އޭނާ ހުއްޓުވުމަށް މަސައްކަތް ކުރި، އެހެން މުވައްޒަފެއްގެ ގައިގައި ވެސް ޖަހާ ތަން ވީޑިއޯ އިން ފެނެއެވެ.
އެ ބިދޭސީ މީހާ ހުއްޓުވަން އިތުރު ބަޔަކު މަސައްކަތް ކުރާ ތަން ވެސް ފެނެއެވެ.