20 ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެމްބަރުން މެމްބަރުކަމުގެ ގާނޫނީ ހުވާ ކުރައްވައިފިއެވެ.
މެންބަރުން ހުވާކުރުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު 9:00ގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާގަ އެވެ. މެންބަރުންނަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން އެވެ.
މަޖިލީހުގެ މެންބަރުކަމުގެ ހުވާ ކުރައްވާ މެންބަރުން ވަނީ ހުވާގެ އިގުރާރުގައި ސޮއިކުރައްވާފަ އެވެ.
އެއަށްފަހު މިއަދު 10:15ގައި މަޖިލިސް ރައީސް އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މަޖިލިސް ރައީސް އަދި ނާއިބު ރައީސް ހުވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ ރައްޔިތުންގެ މަޖިލިހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުއެވެ.
މަޖިލިހުގެ ރައީސްއާއި ނާއިބު ރައީސް އިންތިޚާބު ކުރާނީ މެމްބަރުންގެ މެދުގައި ބޭއްވޭ ސިއްރު ވޯޓަކުންނެވެ.
މަޖިލިހުގެ ގަވާއިދުގައިވާ ގޮތުން، މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން އެ ޖަލްސާގެ ރިޔާސަތު ބަލަހައްޓާނީ އެ ޖަލްސާއަށް ހާޒިރުވެ ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ މެންބަރުކަމުގައި މެދުނުކެނޑި އެންމެ ގިނަ ދުވަސްވީ މެންބަރު ކަމަށާއި މެންބަރުކަމުގައި މެދުނުކެނޑީ އެންމެ ގިނަ ދުވަސްވީ ގިނަ މެންބަރުންތަކެއް ތިބިނަމަ އެ މެންބަރުންގެ ތެރެއިން އުމުރުން އެންމެ ދޮށީ މެންބަރެވެ.
ރައީސް މުއިއްޒުގެ ތާއީދާއެކު، މަޖިލިހުގެ ސުޕަރ މެޖޯރިޓީ އޮތް ޕީއެންސީން މިހާރު ނިންމާފައިވަނީ މަޖިލިސް ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިހާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި ނައިބް ރައީސް ކަމަށް ދިއްގަރު ދާއިރާގެ އިންތިހާބީ މެންބަރު އަހްމަދު ނާޒިމު އިންތިހާބު ކުރުމަށް ނިންމާފައެވެ.
ފާއިތުވި މަޖިލިސް އިންތިޚާބުގައި ވެރިކަންކުރާ ޕީއެންސީންވަނީ 66 ގޮނޑި ކާމިޔާބު ކޮށްފައެވެ. އަދި މިނިވަން މެމްބަރުންގެ ގޮތުގައި 11 ބޭފުޅަކު ގޮނޑި ކާމިޔާބު ކުރެއްވިއެވެ. އެހެންނަމަވެސް އޭގެ ތެރެއިން ގިނަ މެމްބަރުން ޕީއެންސީއަށް ސޮއި ކުރެއްވުމާއެކު ވެރިކަންކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު މިހާރުވަނީ 76 އަށް އަރާފައެވެ.
އިނދިކޮޅު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ 12 ގޮނޑިއެވެ. ޖުމުހޫރީ ޕާޓީން މަޖިލިހަށް އިންތިޚާބުވި ގާސިމް އިބުރާހިމްއާއި، މީދޫ ދާއިރާއަށް އިންތިޚާބު އަހުމަދު ސިޔާމް މުހައްމަދުއާއި، ވެލިދޫ ދާއިރާއަށް އިންތިޚާބު އައްބާސްއާއި އަދި އެމްއެންޕީން އިންތިޚާބުވި ނާޒިމްއަކީވެސް ސަރުކާރާ އެކީ މަސައްކަތް ކުރައްވާނެ މެމްބަރުންނަށްވާތީ، 20 ވަނަ މަޖިލިހުގައި ސަރުކާރަށް ބޮޑު މެޖޯރިޓީއެއް އޮންނާނެއެވެ.