އިއްޔެއާއި ރޭކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެއަށް

އިއްޔެއާއި ރޭކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެއަށް

Author
ހުސެއިން
18 މެއި 2024 11:43
0

އިއްޔެއާއި ރޭ ރާއްޖެއަށްކުރި ވިއްސާރާގައި އެންމެ ގިނައިން ވާރޭވެހުނީ ހުޅުލެއަށްކަމަށް މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އިއްޔެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ހުޅުލެއަށް 63.7 މިލިމީޓަރުގެ ވާރޭ ވެހިފައިވެ އެވެ. ދެން އެންމެ ގިނައިން ވާރޭ ވެހިފައިވަނީ އދ. މާމިގިއްޔަށްކަމަށް ދައްކާއިރު، އެ ރަށަށް 50.5 މިލިމީޓަރުގެ ވާރޭވެހިފައިވާކަމަށް މެޓް އޮފީހުން ބުނެފައި ވެއެވެ.

ދެން އެންމެ ގިނައިން ވާރޭ ވެހުނު ލ. މާވަށަށް އިއްޔެ 40.6 މިލިމީޓަރުގެ ވާރޭވެހިފައިވާއިރު ގދ. ކާޑެއްދޫއަށް 40.4 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ. އޭގެ އިތުރުން މި ވިއްސާރާގައި މާލެއަށް 20.7 މިލިމީޓަރުގެ ވާރޭ ވަނީ ވެހިފައެވެ.

ވިއްސާރަވާނެ ކަމަށް ލަފާކޮށް ބ. އަތޮޅުން ފެށިގެން އައްޑޫ އަތޮޅާއި ހަމައަށް މެޓް އޮފީހުން މިއަދު ހެނދުނު ވަނީ ރީނދޫ ސަމާލު ނެރެފައެވެ.

ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ އިން ރީނދީ ސަމާލު ނެރެފައި ވަނީ މިއަދު ހަވީރު 10:00 އިން މިރޭ  14:00 އަށެވެ. މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި ގަޑިއަކު 25 މޭލާއި 30 މޭލަށް ވައިގަދަވެ ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އަދި މި ވަގުތުގައި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާ ކޮށްފައެވެ.

މި ދުވަސްވަރަކީ ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުން ގޯސް ދުވަސްވަރެކެވެ. އެގޮތުން މާލެއަށްވެސް ގިނަ ދުވަސްތަކުގައި ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. އެހެންނަމަވެސް މިދުވަސްވަރު ބޮޑަށް ވިއްސާރަ ކުރަމުންދަނީ ރާއްޖޭގެ ދެކުނަށްކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.