ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާއ ދެމެދު އޮތް ގުޅުންތައް އިތުރަށް ބަދަހިވެގެން ހިގައްޖެކަމުގައި އިންޑިއާގެ އެކްސްޓަނަލް މިނިސްޓަރ ޑރ. ޖައިޝަންކަރު ވިދާޅުވެއްޖެއެވެ.
އިންޑިއާގައި މިއަދު އޮތް ރަސްމިއްޔާތެއްގައި، އަވައްޓެއިންނާއި އިންޑިއާއާ އޮތް ގުޅުމާއި ގުޅޭގޮތުން ކުރެވުނު ސަވާލަކަށް ޖަވާބު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ ސިޔާސީގޮތުން ޚިޔާލުތަފާތުވުން ހުރިކަމުގައިވި ނަމަވެސް، ރާއްޖޭގައި އިންޑިއާގެ އެހީގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ދަނީ ރަނގަޅަށް ކަމުގައެވެ.
އަހަރެންނަށް ފެންނަ ގޮތުގައި ރާއްޖޭގައި ކުރިޔަށްދާ ތަރައްގީގެ މަޝްރޫއުތައް ދަނީ ރަގަޅަށް. ސިޔާސީ ގޮތުން ޚިޔާލުތަފާތުވުން ހުރިކަމަށް ގަބޫލުކުރަން. އެހެންނަމަވެސް އެ ޚިޔާލުތަފާތުވުންވެސް މެނޭޖް ކުރެވޭނެކަމަށް ދެކެވެ. ރާއްޖޭގެ ޚާރިޖީ ވަޒީރުގެ ދަތުރުފުޅަށްފަހު، ކަންކަން ތަންކޮޅެއް އުފެއްދުންތެރިވެގެން ހިގައްޖެކަމަށް ދެކެން.
ޖައިޝަންކަރު ވިދާޅުވިއެވެ.
ޚާރިޖީ ވަޒީރު މޫސާ ޒަމީރުގެ ދަތުފުޅަކީ މިސަރުކާރުގެ އިސްވެރިއަކު އިންޑިއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. އަދި މި ދަތުރުފުޅު ކުރައްވާފައިވަނީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް "ހައި-ލެވެލް" މަޝްވަރާތަކުގެ 4 ވަނަ ބައްދަލުވުމަށްފަހުއެވެ. މޭމަހު 3 ވަނަ ދުވަހު ބޭއްވުނު އެ ބައްދަލުވުމުގައި ވަނީ މޭމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އެންމެ ފަހު ގުރޫޕް މިމަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ބޭލުމަށް އެއްބަސް ވެފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށްފަހު އިންޑިއާ ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. އަދި މި ސަރުކާރުގެ ދެ ޑެޕިއުޓީ މިނިސްޓަރުން އިންޑިއާގެ ބޮޑުވަޒީރު މޯދީއަށާއި އެގައުމަށް ފާޑުކިޔާ ދެކި ވާހަކަތަކަށްފަހު އެގުޅުން އިތުރަށް ގޯސްވެގެން ދިޔައެވެ.
އެހެންނަމަވެސް ޒަމީރު އެންމެ ފަހުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ވިދާޅުވެފައިވަނީ ދެން އެފަދަ ކަމެއް ތަކުރާރުވެގެން ނުދާނެ ކަމުގައެވެ.