އެމްޑީޕީގެ ޒަމާންވީ އެކްޓިވިސްޓުން މަގުމަތިވެ، މާޔޫސްކަން އިންތިހާއަށް!

އެމްޑީޕީގެ ޒަމާންވީ އެކްޓިވިސްޓުން މަގުމަތިވެ، މާޔޫސްކަން އިންތިހާއަށް!

Author
މުޙައްމަދު ޝަޒައިމް
21 ޑިސެމްބަރ 2020 08:17
0

އެމްޑީޕީ އުފެދުނީއްސުރެ މިއަދާއި ހަމަޔަށް އެޕާޓީގައި އެންމެ އިސްކޮސް ހަރަކާތްތެރިވި ބޭފުޅުންގެ ކިބައިން ފެންނަމުންދާ މާޔޫސްކަމާއި، ހިތް ނުތަނަވަސްކަން ސޯޝަލް މީޑިޔާގައި ދަނީ ބަންޑުން ކުރަމުންނެވެ.

އެމްޑީޕީ އުފެދުނީއްސުގެ އެޕާޓީގެ އަތޮޅު ތެރޭގައި ހަރަކާތްތަކާއި، މާލޭގައި ބާއްވާ ގިނަ ހަރަކާތްތަކުގައި އެންމެ ކުރީ ސަފުން ފެނިގެންދާ އެކްޓިވިސްޓުންނަކީ އެޕާޓީގެ އެންމެ ދުވަސްވީ އެންމެ ޚިދުމަތްތެރި މެމްބަރުންނެވެ. ވެރިކަމަށް އައުމަށް މަގުމަތީގައި ކުރި މުޒާހަރާތަކާއި، އެއްވުންތަކާއި، އަޑު އުފުލުންތަކުގައި އެންމެ އިސްސަފުގައި ހަރަކާތްތެރިވި މީހުން މިއަދުވެސް ތިބީ މަގު މަތީގައެވެ. ވެރިކަން ހޯދުމަށް ލިބެމުންދިޔަ އަނިޔާތަކަށް ކުރި ހިތްވަރާއި، ކުރި ހިތްދަތި އިހުސާސުތައް މިއަދު ވެރިކަން ލިބި އާރާއި ބާރުގައި ތިބި އިރުވެސް އެބޭފުޅުން ދަނީ ކުރަމުންނެވެ.

އެމްޑީޕީގެ އެންމެ ކުރީ ސަރުކާރުން ފެނިގެންދިޔަ އިސް އެކްޓިވިސްޓުންގެ ތެރެއިން ހުސެއިން މަނިކު، މަޝްހޫރު ނަމުންނަމަ، ބަބުކެޔޮ ހުސެއިން މަނިކަކީ އެމްޑީޕީގެ އާންމު އެއްވެސް މެމްބަރަކަށް ނޭގޭނެ މީހެއް ނޫނެވެ. އެހާވެސް ޕާޓީގެ ކަންކަމަށް ފޯރިހުންނަ، ޕާޓީއަށްޓަކައި ގުރުބާންވާ މެމްބަރެކެވެ. ވެރިކަން ލިބި މިއަދު ކުރެވޭ އިހުސާސްތައް ބަންޑު ކޮށްލަމުން ހަސަން މަނިކު ބުނެފައިވަނީ އެމްޑީޕީއަށް ކައުންސިލް އިންތިހާބް މިފަހަރު ކާމިޔާބު ވުމާ ދޭތެރޭ މިހާރު ޝައްކުކަމަށެވެ. އިންތިޙާބު އެމްޑީޕީއަށް ކާމިޔާބު ނުވެއްޖެނަމަ މުޅިރާޖޭގައި ހިންގަމުންދާ ތަރައްގީޔަށް ހީވެސްނުކުރާހާ ހުރަސްތަކެ އެޅިގެންދާނެކަމަށެވެ. މިކަން މިހެންވެގެންދާނީ މިއަދު ވެރިންގެ ގޮތުގައި ތިއްބެވި އިސްވެރިންގެ ބޮޑާކަމުގެ ސަބަބުން ކަމަށް ހުސެން މަނިކު ބުނެފައިވެއެވެ.

އޭނާ ބުނެފައިވަނީ އެމްޑީޕީ ސަރުކާރު ވެރިކަމާ ހަވާލު ވުމާއެކު ވެރިކަން ހޯދައިދިން ޕާޓީގެ އިސްމެމްބަރުންގެ ހަނދާންތައް ފޮހެވިއްޖެކަމަށެވެ. މިއަދު ވެރިކަން ހޯދައިދިން މީހުންތިބީ ހަދާނެގޮތް ހުސްވެފައިކަމަށެވެ. ކައުންސިލް އިންތިޚާބާއި ދިމާކޮށް އަނެއްކާވެސް ރައްޔިތުންނާއި، އެކްޓިވިސްޓުން ހޯދުމަށް ނޫޅުމަށް އޭނާ ވަނީ ބުނެފައެވެ.

މޯލްޑިވިއަން ޑިމޮރިޓިކް ޕާޓީ އެމްޑީޕީ އަކީ ވަރަށް ގިނަބައެއްގެ އިހްސާސްތަކަކާ ގުޅިލާމެހިފާވާ ޕާޓީއެއް. ނަމަވެސް މިޔަދު އެންމެންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމާއި ނާއުންމީދު. ވަރަށްގިނަ ބައެއްގެ ބުރަމަސައްކަތުން މިވެރިކަންގެނައީ. ކުރިޔައޮތް ކައުންސިލް އިންތިހާބާމެދު މާޔޫސްކަން. އެމްޑީޕީ އަކީ މާޒީވެދިޔަ ދިގުމުއްދަތުގައި ޕާޓީއަށް ނާންނަ ހީނަރުކަން މިފަހަރު އަތުވެއްޖެ. މިކަންމިވާން މިޖެހުނީ ރައީސް އިބޫގެ ސަބަބުން. ބުރަމަސައްކަތުން އިބޫ ތިހިސާބަށް ގެނެސްދިން ފަރާތްތަށް ތިބީ ކަރުނުންފުރިފައި.

– ހަސަން މަނިކު ބުނެފައިވެއެވެ.

އެމްޑީޕީގެ އެކްޓިވިސްޓުންގެ ތެރެއިން ލަންދޫ އިބުރާހިމްވެސް ވަނީ ރައީސް ޞާލިހަށް އަމާޒުކޮށް، ގިނަ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ. އޭނާ ބުނެފައިވަނީ މިހާރު ފެންނަނީ ސަރުކާރުގެ ކަންކަން ހިންގުމަށްވުރެ އެމްޑީޕީ ގައުމީ މަޖިލިސް ކޮންޓްރޯލް ނަގަން ހުރިހާ ކަމެއް އަބުރާލައިފަ އޮތް މަންޒަރުކަމަށެވެ. ރައީސް މައުމޫނު ޕީޕީއެމް އިން ބޭރުކުރި ގޮތް ތަކުރާރުކުރަން ހިފާތަން ފެންނަމުންދާކަމަށެވެ. އޭނާވެސް ވަނީ މަގުމަތީގައި އެމްޑީޕީ ވެރިކަމަށް ގެނައުމަށް މެމްބަރުން ކުރި މަސައްކަތް ހަދާން ނައްތާލާފައިވާތީ ވަރަށް ބޮޑަށް ސަރުކާރަށް ފާޑުކިޔާފައެވެ.

އެއްގޮތަކަށް ވެސް ގަބޫލުކޮށްގެން ނުވާނެ މަގުމަތިވެފައިތިބި މީހުންގެ އަޑު މަޑުވާނެކަމަށް. އެއްގޮތަކަށް ވެސް ހީކޮށްގެން ނުވާނެ ނަތީޖާ ނުލިބޭނެއޭ. އަޅުގަޑުމެން ނިކުންނާނަން. އަޅުގަނޑުމެން ގެޔަށް ވަންނާނީ އެމްޑީޕީއަކީ އާންމު މެމްބަރުންގެ އެއްޗަކަށް ބަދަލު ކޮށްގެން.

– ލަންދޫ އިބުރާހިމް ބުނެފައިވެއެވެ.

އެމްޑީޕީގެ އެންމެ ދުވަސްވީ މެމްބަރުން މިފަދަ ބޮޑު މާޔޫސްކަމާއި ހިތް ނުތަނަވަސް ކަމުގައި ތިބިއިރު، ޕާޓީގައި ގިނަ ދުވަސްވީ މެމްބަރުންދަނީ އިދިކޮޅު ޕީޕީއެމްއާއިވެސް ގުޅެމުންނެވެ. އެގޮތުން ދާދިފަހުން އެމް.ޑީ.ޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ އަޙުމަދު ނަޢީމް (ސައިބޯނި ނަޢީމް) ވަނީ އިދިކޮޅު ޕީޕީއެމްއާއި ގުޅިފައެވެ.

އެމްޑީޕީގެ އާންމު ގިނަ މެމްބަރުން، ޚާއްސަކޮށް ޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި ބޭފުޅުންގެ މިއަދު އެމްޑީޕީއާއި ފެޔަށް ޖެހެމުންދާއިރު މިމައްސަލަތައް ހައްލު ކުރުމަށް އެމްޑީޕީ ތެރެއިން މާބޮޑު މަަސައްކަތްތަކެއް ކުރެވިގެންދާ ތަނެއް ނުފެނެއެވެ. އެމްޑީޕީ އުފެއްދުމުގައިވެސް އިސްދައުރެއް އަދާކުރެއް ފުރަހަނި ޝުއައިބުމެން ފަދަ ބޭފުޅުން މިއަދު ޕާޓީއާއި ފެޔަށްޖެހި، ސަރުކާރާއި، އެމްޑީޕީއަށް ދަނީ ބޮޑެތި ފާޑުކިޔުން އަމާޒުކުރަމުންނެވެ. އެމްޑީޕީއަކީ އާންމު މެމްބަރުންގެ ރޫހު ވަރުގަދަ ސިޔާސީ ގޮތުން ބަދަހި ޕާޓީއެއްކަމަށް މާޒީން ފެނިގެން ދިޔަ ނަމަވެސް ވެރިކަން ލިބުމާއިއެކު މިއަދު ފެނިގެންދަނީ ޕާޓީ ތެރެއިން ބައިބައި ވުމާއި، މާޔޫސްކަމާއި، ހިތްނުތަވަސް ކަމެވެ. މިމައްސަލަތަކަށް ހައްލު ނުގެނެވިއްޔެނަމަ ކުރިއަށް އޮތް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުވުމަކީ ކައިރި ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.