ފަލަސްތީނަށް ޔޫއެން މެމްބަރުންކަން ދިނުމާމެދު އަލުން ވިސްނުމަށް ސެކިއުރިޓީ ކައުންސިލަށް ގޮވާލާ ގަރާރު ޔޫއެންގެ އާންމު މަޖިލީހުގެ ބޮޑު އައުލަބިއްޔަތަކުން މިއަދު ފާސްކުރުމާއި ގުޅިގެން ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ މެމްބަރުކަން އަލުން މުރާޖައާ ކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުގައި 143 ވޯޓު ލިބިފައިވާއިރު، ނުފެންނަ ކަމަށް ނުވަ ވޯޓު އަދި އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް 25 ވޯޓު ވަނީ ލިބިފަ އެވެ.
މިވޯޓަށްފަހު ފޮރިން މިނިސްޓަރ މޫސާ ޒަމީރު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ
އދ.އަށް އަލަށް މެންބަރުން ވެއްދުމާ ބެހޭ ގޮތުން ބާއްވާ 10 ވަނަ ކުއްލި ހާއްސަ ޖަލްސާގައި މި ގަރާރު ބަލައިގަތުމުން ރާއްޖެއިން މަރުހަބާ ކިޔާ ކަމުގައެވެ. އަދި ފަލަސްޠީނުގެ ހައްގުގައި ވަކާލާތު ކުރާ ގައުމެއްގެ ހައިސިއްޔަތުން ރާއްޖެއިން ވަނީ މި ގަރާރު ކޯ-ސްޕޮންސާކޮށް، އިތުރު 142 ގައުމަކާ ގުޅި، އެ ޤަރާރު ފާސްކުރުމަށް ވޯޓަށް ދީފައިކަމަށް މޫސާ ޒަމީރުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.
މި ގަރާރުގެ ސަބަބުން ފަލަސްތީނ އދ.ގެ ފުރިހަމަ މެމްބަރެއްގެ ގޮތުގައި ބަލައިގަތުމުގެ މަގު ފަހިވެފައިވާކަމަށް ވިދާޅުވަމުން މުސާ ޒަމީރު ވިދާޅުވީ، ފަލަސްޠީނުގެ ރައްޔިތުންނަށް މިނިވަން އަދި އިސްތިޤްލާލީ ދައުލަތެއް ގެނައުމުގެ ޙައްޤާއި، އަމިއްލަ އިޚްތިޔާރު ލިބިގަތުމަށް ކުރާ މަސައްކަތުގައި ދިވެހިރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަމުގައެވެ.
އދ.ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގެ މެމްބަރުކަން އަލުން މުރާޖައާ ކުރުމަށް ގޮވާލައި އދ.ގެ އާންމު މަޖިލީހުން ފާސްކުރި ގަރާރުގައި 143 ވޯޓު ލިބިފައިވާއިރު، ނުފެންނަ ކަމަށް ނުވަ ވޯޓު އަދި އެއްވެސް ކޮޅަކަށް ވޯޓު ދޭން ނުފެންނަކަމަށް 25 ވޯޓު ވަނީ ލިބިފަ އެވެ.
އެ ގަރާރުގައި ވަނީ ސަލާމަތީ މަޖިލީހުން "މިމައްސަލަ އަލުން މުރާޖައާ ކުރުމަށް" ގޮވާލާ ފަލަސްތީނު އޮތޯރިޓީއަށް އދ.ގެ މެމްބަރުކަން ދިނުމަށް ބާރުއަޅާ ފަލަސްތީނަކީ އދ.ގެ މެމްބަރުކަމަށް ޝަރުތު ހަމަވާ ދައުލަތެއް ކަމަށް ބުނެފައެވެ.
އދ.ގެ އާންމު މަޖިލިހުގެ ޖަލްސާ ފެށުމުގެ ކުރިން އދ.ގައި ހުންނަ އެމެރިކާގެ މިޝަނުން އިޝާރާތް ކޮށްފައިވަނީ ގަރާރު ފާސްކޮށް ސަލާމަތީ މަޖިލީހަށް މެމްބަރޝިޕް އެޕްލިކޭޝަން ފޮނުވައިފިނަމަ އެމެރިކާއިން އަނެއްކާވެސް އެ ގަރާރު ވީޓޯ ކުރާނެކަމަށާއި އެޕްރިލްމަހު ކުރިމަތިކުރިވިފަދަ ނަތީޖާއަކާ އެގަރާރަށް ކުރިމަތިލާން ޖެހޭނެ ކަމަށެވެ.
އެމެރިކާގެ މިޝަންއިން ބުނީ ފަލަސްތީން އޮތޯރިޓީއަކީ އދ. މެމްބަރުކަމުގެ ޝަރުތު ހަމަވާ އޮތޯރިޓީއެއް ނޫންކަމަށާއި، އެގަރާރުގެ ސަބަބުން ފަލަސްތީނުގެ މެމްބަރުކަމާމެދު ކުރިން އުފެދުނު ކަމްބޮޑުވުންތަކަށް ހައްލެއް ނުލިބޭ ކަމަށެވެ.
ފާއިތުވި އެޕްރިލްމަހު ފަލަސްތީނު އޮތޯރިޓީން ވަނީ އެ އޮތޯރިޓީގެ މެމްބަރުކަމަށް އެދުނު މައްސަލަ އަލުން ލޯންޗްކޮށް، އެމަހުގެ ފަހުކޮޅު އެމެރިކާއިންވަނީ ފަލަސްތީނުން މެމްބަރޝިޕް ދަރަޖަ ހޯދުމަށް ކުރި މަސައްކަތް ވީޓޯ ކޮށްފައެވެ.
އެގަރާރާމެދު އޭރު ސަލާމަތީ މަޖިލިހުގައި ނެގި ވޯޓުގައި އެމެރިކާ ވީޓޯ ކޮށްފައިވާއިރު، ގަރާރަށް ސަމާލަތީ މަޖިލިހުގެ 12 މެމްބަރަކު ތާއީދު ކޮށްފައި ވެއެވެ. އެމެރިކާގެ ވީޓޯގެ އިތުރުން އެގަރާރާ ދެކޮޅަށް ވޯޓު ދީފައިވަނީ އެންމެ މެމްބަރެކެވެ.
ފަލަސްތީނުގެ ބިޑަކީ ލަދުވެތި ހުށަހެޅުމެއްކަމަށް ބުނެ، އިޒްރޭލުން އެމެރިކާގެ ވީޓޯއަށް ތައުރީފް ކޮށްފައިވާއިރު، ފަލަސްތީން އޮތޯރިޓީގެ ރައީސް ވަނީ ވީޓޯއަކީ ބޭއިންސާ، އަދި ނާތަހުޒީބު ހުށަހެޅުމެއްކަމަށް ސިފަ ކޮށްފައެވެ.
2011 ވަނަ އަހަރުގެ ސެޕްޓެމްބަރުމަހުވެސް ފަލަސްތީނަށް މިނިވަން މެމްބަރު ގައުމެއްގެ ގޮތުގައި އދ.ގެ ރުހުން ނުދޭން އެޖަމިއްޔާއިން ނިންމާފައި ވެއެވެ. އޭގެ އަހަރެއްހާ ދުވަސް ފަހުން އދ. އިން ނިންމީ ފަލަސްތީން އޮތޯރިޓީއަށް "ނޮން މެމްބަރ އޮބްޒާވާރ އެންޓިޓީ"ގެ ދަރަޖައިގެ ބަދަލުގައި "ނޮން މެމްބަރ އޮބްޒާވަރ ސްޓޭޓް"އެއްގެ ދަރަޖަ ދިނުމަށެވެ. އެއީ އިޓަލީގައި ހުންނަ ކުރިސްޓިއަން ދީނުގެ ޕޯޕުގެ މައި މަރުކަޒު ކަމުގައިވާ "ވެޓިކަން" އަށްވެސް އދ.ގައި ދީފައިވާ ދަރަޖައެވެ.
ޔޫއެންގެ އާންމު މަޖިލީހުން ނިންމާ ނިންމުންތަކަކީ އެއަށް އަމަލުކުރުން މެމްބަރު ގައުމުތަކަށް މަޖުބޫރުކުރާ ނިންމުންތަކެއް ނޫނެވެ. ޔޫންއެން ނިންމުންތަކަށް އަމަލުކުރުން މެމްބަރު ގައުމުތަކަށް މަޖުބުރުވަނީ ސަލާމަތީ މަޖީލިހުން އެނިންމުންތަކަށް ތާއީދު ކުރުމުނެންވެ. އެމަޖިލިންސް އެކުލެވިގެންވަނީ ވޯޓޯގެ ބާރު އޮންނަ 5 ގައުމަކާއެކު 14 މެމްބަރު ގައުމުގެ މައްޗަށެވެ. ވީޓޯގެ ބާރު އޮންނަ 5 ގައުމަކީ އެ މަޖިލިހުގެ ދާއިމި މެމްބަރުންނެވެ. އެހެން މެމްބަރުންނަކީ ބަދަލުވަމުންދާގޮތަށް ތިއްބަވާ މެމްބަރުންނެވެ.
ވީޓޯގެ ބާރު އޮންނަ 5 ގައުމަކީ، އެމެރިކާ، ރަޝިއާ، ޗައިނާ، އިނގިރޭސިވިލާ އަދި ފްރާންސެވެ.
ކޮމެންޓު ފޮނުވާ