ބިދޭސީން ގަވާއިދަށް ފައްތާ "ކުރަނގި" އޮޕަރޭޝަން މާދަމާ ފަށަނީ

ބިދޭސީން ގަވާއިދަށް ފައްތާ "ކުރަނގި" އޮޕަރޭޝަން މާދަމާ ފަށަނީ

Author
ހުސެއިން
01 މެއި 2024 10:24
0

ރާއްޖޭގަ ގަވާއިދާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީން ގަވާއިދަށް ފެއްތުމަށްޓަކާ ހޯމް މިނިސްޓްރީން ފަށާ "ކުރަނގި" އޮޕަރޭޝަން މާދަމާ ފެށުމަށް ހަމަޖެހިފައިވާކަމަށް ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އޮޕަރޭޝަން "ކުރަނގި" މާދަމާ ފެށޭނެ ކަމުގައެވެ.

މި އޮޕަރޭޝަނަށް "ކުރަނގި" މިނަން ދީފައިވާއިރު، "ކުރަނގި" ދޫންޏަކީ ރާއްޖޭގެ މަސްވެރިން މަސް އައިނުތައް ހޯދުމަށް ބޭނުންކުރާ އައިނުތަކެއްގެ ގޮތަށް އުދުހޭ ދޫންޏެކެވެ. މީ މާރަނގައިގެ ނަސްލުގައި ހިމެނޭ މާރަނގައަށް ވުރެ ތަންކޮޅެއް ކުޑަ ދޫންޏެކެވެ.

މާދަމާ ފެށުމަށް ހަމަޖެހިފައިވަނީ ބިދޭސީން ގަވާއިދަށް ފެއްތުމަށް ކުރިޔަށް ގެންދާ ޕްރޮގްރާމް ފުރަތަމަ މަރުހަލާއެވެ. މިމަރުހަލާގައި ކުރިޔަށް ދާނީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާން (ފިންގާ ޕްރިންޓް) ނެގުމުގެ މަސައްކަތެވެ.

ހޯމް މިނިސްޓަރ އަލީ އިހުސާން ކުރިން ވިދާޅުވެފައިވަނީ މިމަސައްކަތް، ފުލުހުންނާއި ކައުންސިލްތަކާއި ގުޅިގެން މަހެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގެ ކުރިހާ ރަށެއްގައި ފެށިގެން ކުރިޔަށް ދާނެކަމުގައެވެ.

" ހުރިހާ ބިދޭސީންގެ ދިހަ އިނގިލީގެ ނިޝާން ނަގާފައި އެމީހުންގެ ފޮޓޯއެއް ނަގާފައި އަޅުގަނޑުމެންގެ އަތުގައި ހުރި ވޯކް ޕާމިޓް ރިކޯޑްތަކާއި އެމީހުންނާއި ދިމާކުރަނީ."
އިހްސާން މިދިޔަ ހޯމަދުވަހުގެ ރޭ ވިދާޅުވެފައިވެއެވެ.
އިހުސާން ވިދާޅުވީ ބިދޭސީންގެ ފިންގަރ ޕްރިންޓް ނެގުމަށްފަހު އެމީހުން ގަވާއިދަށް ފެއްތުމަށް ފަސޭހަ އިންތިޒާމްތަކެއް ހަމަޖެއްސޭނެ ކަމުގައެވެ.
އެއަށްފަހު އަދި އެއްވެސް އައިޑެންޓީއެއް ނެތް މީހުން އެމީހުންގެ ގައުމަތަކާއި ގުޅިގެން ޓްރެވަލް ޑޮކިއުމެންޓް ހަދާ އެމީހުންގެ ގައުމަށް ފޮނުވާލެވޭނެކަމަށްވެސް އިހުސާން ވިދާޅުވެފައި ވެއެވެ. މިމަސައްކަތް 3 އަހަރެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށްވެސް އިހުސާން ވިދާޅުވެފައި ވެއެވެ.
ސީދާ ޖަވަބާކީ 3 އަހަރުގެ ތެރޭގައި އަޅުގަނޑުމެން [ބިދޭސީންގެ މައްސަލައަށް ހަައްލު] ގެންނާނަން. އަމަލީ މަސައްކަތް ފަށާނަން މޭ 2 ގައި.
އާންމު މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އިހްސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވެފައިވަނީ ގަވައިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކޮށް ފޮނުވާލެވޭނެ ކަމުގައެވެ.

ރާއްޖޭގަ ބޮޑު މަސައްލައަކަށް ވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފާއިތުވި ސަރުކާރުންވެސް މަސައްކަތް ކޮށްފައި ވެއެވެ. އެހެންނަމަވެސް އެ ސަރުކާރަށްވެސް އެމަސައްކަތް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.