ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ހިއްކަން ނިންމި ސަރަހައްދު ހިއްކައި ނިންމާލައިފިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މާލެ ރައްޔިތުންނަށް ގޯތިދޭން ނިންމައި، ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫއު ފެށީ މިދިޔަ އަހަރުގެ މެދު ތެރޭ ހިސާބުގައެވެ. އެ މަޝްރޫއު ހިންގާފައި ވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސްއާ ހަވާލުކޮށްގެންނެވެ.
ރައީސް ސޯލިހްގެ ސަރުކާރުން ގުޅިފަޅުން 5،000 ގޯތި ދިނުމަށް ނިންމިއެވެ. އެކަމަކު، ވެރިކަން ނިމުނު އިރު، ބޮޑު ބައި އޮތީ ހިއްކައި ނުނިމިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ގުޅިފަޅު ހިއްކުމުގެ މަޝްރޫއު މިހާރު އެއްކޮށް ނިމިފައިވާ ކަމަށެވެ.
ދެ ބިލިއަން ރުފިޔާ އަށް 65 ހެކްޓަރުގެ ބިން ހިއްކާ ގޮތަށް 2019 ވަނަ އަހަރު ބޮސްކާލިސްއާ ހަވާލު ކުރި ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، 150 ހެކްޓަރު ހިއްކާ ގޮތަށް ހަމަޖައްސަވައިފައެވެ.
އެންމެ ފަހުން އެ ތަން ހިއްކާ ނިންމާފައި ވަނީ ވެސް މި ސަރުކާރުން ބޭނުންވި މިންވަރަށެވެ.
ގުޅީފަޅު ހިއްކުމުގެ ސަބަބުން ތިމާވެށްޓަށް ގެއްލުންވަމުންދާ ކަމަށް ބުނެ އާންމު ފަރާތަކުން ކޯޓަށް ހުށަހެޅި މައްސަލައަކާ ގުޅިގެން އެ މަޝްރޫއު މަޑުޖައްސާލަން ހައި ކޯޓުން ވަގުތީ އަމުރެއް ވެސް ނެރުނެވެ. ނަމަވެސް އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، ހައި ކޯޓުގެ އަމުރަށް އަމަލު ކުރުން ފަސްކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން އޮތީ ނެރެފައެވެ.
މި ސަރުކާރުން ވަނީ ގުޅިފަޅަށާއި ގިރާވަރުފަޅުން އޭރު ހެދި ލޭންޑްޔޫޒް ޕްލޭން ބަދަލުކޮށްފައެވެ. ގިރާވަރުފަޅުގެ ލޭންޑު ޔޫސް ޕްލޭނަށް ބަދަލު ގެނައުމުން އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ، ބައެއް ގޯތިތައް ބަދަލުކުރަން ނިންމާފައި ވަނީ ގުޅީފަޅަށެވެ. ގުޅީފަޅަށް 1،347 ގޯތި ބަދަލުކުރަން ނިންމާފައިވެއެވެ.