ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވުމަށް ފަހު، އިންތިހާބުވި ޕާޓީން ވަކިވެއްޖެ ނަމަ ގޮނޑި ގެއްލޭ ގޮތަށް ހުށަހަޅާފައިވާ އެންޓި-ޑިފެކްޝަން ބިލު މަޖިލީހުން ފާސްކޮށް ތަސްދީގު ކުރުމަށް ރައީސް މުއިއްޒުއަށް މަޖިލީހުން ފޮނުވާފައިވާއިރު، އެބިލް ތަސްދީގު ކުރުމަށް ރައީސަށް ލިބިވަޑައިގަންނަވާ މުއްދަތު މާދަމާއަށް ހަމަވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވެ ތަމްސީލުކުރައްވާ ޕާޓީން ވަކިވެއްޖެ ނަމަ މެންބަރުކަން ގެއްލޭ ގޮތަސް، ފާސްކުރި އެންޓި ޑިފެކްޝަން ބިލު ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވަނީ މި އެޕްރިލް މަހުގެ 1 ވަނަ ދުވަހުއެވެ. އެބިލް ތަސްދީގު ކުރުމަށް ރައީސް މުއިއްޒަށް މަޖިލީހުން ފޮނުވާފައިވާއިރު، ގާނޫނުގައިވާގޮތުން އެބިލް ތަސްދީގު ކުރުމަށް ރައީސް މުއިއްޒުއަށް ލިބިވަޑައިގަންނަވާނީ 2 ހަފްތާގެ މުއްދަތެކެވެ.
އެމުއްދަތުގައި މަޖިލިހަށް އަނބުރާ ބިލް ނުފޮނުވާނަމަ ބިލް އޭގެ ޒާތުގައި ތަސްދީގުވެގެން ދާނެއެވެ. މަޖިލިހަށް އަނބުރާ ފޮނުއްވުމަށް، މަޖިލިހުން އަލުން ބިލް އޮތްގޮތަށް ފާސްކުރުމަށްފަހު ރައީސަށް ފޮނުވުމުން އެ ބިލް ތަސްދީގުކޮސް ގެޒެޓް ކުރުން ލާޒިމް ވެގެންދާނެއެވެ.
މިހާރު ކުރިޔަށްދާ މަޖިލިސް ކެމްޕޭން އިވެންޓެއްގައި ރައީސް ސާލިހު ވިދާޅުވެފައިވަނީ، މައުލޫމާތު ލިބޭގޮތުގައި އެންޓި ޑިފެކްޝަން ބިލް ތަސްދީގު ނުކޮށް ރައީސް މުއިއްޒު އެބިލް އަނބުރާ މަޖިލީހަށް ފޮނުވާލާނެކަމަށާއި، ފޮނުވާލިޔަސް އަލުން ބިލް ފާސްކުރާނެ ކަމުގައެވެ.
މަޖިލިސް ކެމްޕޭންގައި ގއ.ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓްގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ، މަޖިލިހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ހިފަހައްޓަވައިގެން ކަމަށާއި، ގާނޫނީ ގޮތުން 2 ހަފްތާ ލިބުނު ނަމަވެސް، އެ ގާނޫނު ގެޒެޓް ނުކޮށް ހުންނެވުމަކީ ޑިމޮކްރަސީއަށް އަޅާ ހުރަހެއް ކަމުގައެވެ.
އަޅުގަޑުމެންނަށް މައުލޫމާތު ލިބެނީ އެ ބިލް އަނބުރާ ފޮނުވާލާނެކަމަށް. އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ ފޮނުވާލިޔަސް އަޅުގަޑުމެން މަޖިލިހުގެ ތެރެއިން އެ ބިލު ފާސްކުރާނަން.
ރައީސް ސާލިހު ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން މަޖިލިހަށް ހުށަހަޅާ ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ބިލުގައިވާ ގޮތުން، މަޖިލީހަށް ވާދަކޮށް އިންތިހާބުވި ޕާޓީން މެމްބަރަކު އަމިއްލަ އަށް ވަކިވެއްޖެނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެއެވެ. އަދި މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.
ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.