ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސީރިއާގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ގުޅުންހުރި

ސީރިއާގެ ވެރިރަށް ދިމިޝްގުގައި ހުންނަ އީރާނުގެ ކޮންސިއުލޭޓަށް ދިން ހަމަލާ ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.

އެކަމާ ގުޅިގެން ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ ޑިޕްލޮމެޓިކް ފެސިލިޓީތަކަށް އަމާޒުކުރުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފު ކަމެއް ކަމަށާއި، ބައިނަލްއަގްވާމީ މުއާހަދާތަކާ އެއްގޮތްވާ ގޮތުގެ މަތިން ޑިޕްލޮމެޓިކް ތަންތަނުގެ ރައްކާތެރިކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ސަރުކާރުން ވަނީ މި ހާދިސާގައި ޝަހީދުވި މީހުންގެ އާއިލާތަކުގެ މެންބަރުންނަށާއި ހާލުގައި ޖެހުނު އެންމެންނަށް ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހުލާސްތެރި ތައުޒިޔާ ފޮނުއްވާފައެވެ.

އީރާނުން އދ އަށް ކަނޑައަޅާފައި ހުންނަ މިޝަން އިން ބުނީ މި ހަމަލާއަކީ އދގެ ޗާޓަރާއި ބައިނަލްއަގްވާމީ ގާނޫނުތަކާއި ޑިޕްލޮމެޓިކް އަދި ކޮންސިއުލާ ތަންތަނުގެ ގަވާއިދާ ހިލާފު އަދި އަސާސީ އުސޫލާ ހިލާފު ހަމަލާއެއް ކަމަށެވެ.

މި ހަމަލާއަކީ ސަރަހައްދީ ސުލްހައާއި ސަލާމަތަށް އޮތް ވަރަށް ބޮޑު ނުރައްކަލެއް ކަން ފާހަގަކޮށް އީރާނުގެ މިޝަނުން ވަނީ އެ ހަމަލާ ކުށްވެރިކުރުމަށް އދގެ ސަލާމަތީ މަޖިލީހުގައި ގޮވާލައި، ތެހެރާނަށް "ވަކި ޖަވާބެއް ދިނުމުގެ ހައްގު" ރައްކާކުރެވިފައިވާ ކަމަށް ބުނެފައެވެ.

އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް އިން މަރުވި ހަތް މެންބަރުންގެ ތެރޭގައި ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ރެޒާ ޒާހިދީ އާއި އިސް އެހެން އޮފިސަރެއް ކަމަށްވާ ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ހާދީ ހާޖީ ރަހީމީ ހިމެނެ އެވެ.

އިނގިރޭސިވިލާތުގެ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނީ އީރާނުގެ އެމްބަސީގެ އެނެކްސް އަކަށް މި ހަމަލާ ދިނީ އިޒްރޭލުގެ މިސައިލްތަކުން ކަމަށެވެ. އީރާން ސިފައިންގެ އިތުރުން އެހެން ބަޔަކު ވެސް މި ހަމަލާގައި މަރުވި ކަމަށާއި ޖުމްލަ 11 މީހަކު މަރުވި ކަމަށް ވެސް ވަނީ ބުނެފައެވެ.

ނަމަވެސް މި ތުހުމަތާ ގުޅިގެން އިޒްރޭލުން ބުނީ ވާހަކައެއް ދައްކަން ބޭނުން ނުވާ ކަމަށެވެ.

މި ހަމަލާގައި އެނެކްސް އިމާރާތް ވަނީ އެއްކޮށް ހަލާކުވެފައެވެ.

އީރާނުން ބުނީ މި ހަމަލާގެ ބަަދަލު އިޒްރޭލުގެ ކިބައިން ނުހިފާނެ ގޮތެއް ނޯންނާނެ ކަމަަށެވެ. ރާއްޖޭގެ އިތުރުން ރަޝިޔާ އާއި ޗައިނާ އާއި އެކި ގައުމުތަކުން ވަނީ އީރާންގެ ކޮންސިއުލޭޓަށް ދިން ހަމަލާ ކުށްވެރިކޮށްފައެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ