الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
އަބޫހުރައިރާ ރަޟިޔަ ﷲ ޢަންހު ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِنَّ سُوْرَةً مِّنَ القُرْآنِ ثَلَاثُوْنَ آيَةً شَفَعَتْ لِرَجُلٍ حَتَّى غُفِرَ لَهُ وَهِيَ سُوْرَةُ تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ )މާނައަކީ: "ހަމަކަށަވަރުން ގުރްއާނުގެ ސޫރަތެކެވެ. އެސޫރަތުގައިވަނީ ތިރީސް އާޔަތެވެ. އެއާޔަތްތައް މީހާގެ ފާފަ ފުއްސެވުމަށް ދާންދެން އެމީހަކަށް ޝަފާޢަތްތެރިވެދެއެވެ. އެއީ ތަބާރަކަ ސޫރަތެވެ".
މަގްޞަދަކީ: ކޮންމެ ރެއަކު މިސޫރަތް ކިޔެވުމެވެ. އަދި އެސޫރަތުގައިވާ ޙުކުމް ތަކަށް ފުރިހަމަ އަށް ކިޔަމަންތެރި ވުމެވެ. އަދި އެސޫރަތުގައި އައިސްފައިވާ ވާހަކަ ތަކަށް ފުރިހަމަ އަށް އީމާންވެ ތެދުކުރުމެވެ".
عَنْ عَبْدُ اللهِ بِنْ مَسْعُوْدٍ قَالَ : مَنْ قَرَأَ تَبَارَكَ الَّذِيْ بِيَدِهِ الْمُلْكُ كُلَّ لَيْلَةٍ مَنَعَهُ اللهُ بِهَا مِنْ عَذَابِ الْقَبْرِ ، وَكُنَّا فِيْ عَهْدِ رَسُوْلِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ نُسَمِّيْهَا اَلْمَانِعَةِ ، وَإِنَّهَا فِيْ كِتَابِ اللهِ سُوْرَةٌ مَنْ قَرَأَ بِهَا فِيْ كُلِّ لَيْلَةٍ فَقَدْ أَكْثَرَ وَأَطَابَ، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. "ކޮންމެ ރެއަކު ތަބާރަކަ ސޫރަތް ކިޔަވައިފިމީހަކު ކަށްވަޅުގެ ޢަޛާބުން ސަލާމަތް ކުރައްވާނެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޒަމާނުގައި އަހަރުމެން އެސޫރަތަށް ކިޔާ އުޅުނީ "އަލްމާނިޢާ" (މަނާކުރާ) އެވެ. އެއީ ﷲ ގެ ފޮތުގައިވާ ސޫރަތެކެވެ. ކޮންމެ ރެއަކު އެސޫރަތް ކިޔަވައިފި މީހަކު ވަރަށް ގިނަ ހެޔޮކަންތައް ކޮށްފިއެވެ. އަދި އޭނާ ކާމިޔާބު ހޯދައިފިއެވެ".
އެހެންކަމުން ކޮންމެ ރެއަކު އެއްފަހަރު މިސޫރަތް ކިޔެވުމަށް ޢާދަ ކުރައްވާށެވެ. އަދި މިސޫރަތުގެ މާނަ ދަސްކުރައްވާ އޭގައިވާ ޙުކުމްތައް ރަގަޅަށް ދަސްކުރައްވާ ހައްދަވާށެވެ. ﷲ ގެ ރަޙްމަތުން ކަށްވަޅުގެ ޢަޛާބުން ސަލާމަތްވާނެއެވެ. އާމީން.
واللهأعلم