ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލޭ ސަރަހައްދުގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނުކުމެއުޅުން މަނާކޮށް އޮތް ކާފިއު އުވާލައިފިއެވެ.
މިކަން އިއުލާންކޮށް އެޗްޕީއޭން މިރޭ ކުރި އިއުލާންގަިއ ބުނެފައި ވަނީ ކޯވިޑް-19 ފެތުރުން ކޮންޓްރޯލްކުރުމަށް މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރަށް ނުކުމެއުޅުން މަނާކޮށް އޮތް އޮތުން އިއުލާން ނެރުން ވަގުތުން ފެށިގެން ބާތިލްކޮށްފައި ވާކަމަށެވެ.
" ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ހައިސިއްޔަތުން އަހުރެންނަށް ލިބިދޭ ބާރުގެ ދަށުން، މި ހިނދުން ފެށިގެން، ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/59 (7 ނޮވެންބަރު 2020) އެންގުމުގެ 1 ވަނަ ނަންބަރު (މާލެއާއި، ހުޅުމާލެއާއި، ވިލިމާލޭގައި ރޭގަނޑު 12:00 އިން ފެށިގެން ފަތިހު 4:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުމާއި، މަގުމައްޗާއި އާންމު ތަންތަނަށް ނުކުތުން މަނާކުރުން) ބާޠިލުކޮށްފީމެވެ"
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު، މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުންވި އިއުލާނުަގައި ވެއެވެ.
ނަމަވެސް މިގެނެވުނު ބަދަލާއެކުވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ނަންބަރު 2020/59 (7 ނޮވެންބަރު 2020) އެންގުމުގަ އެހެނިހެން ފިޔަވަޅުތަކާއި ލުއިތަކާއި އިސްތިސްނާތައް ހަމަ ކުރިން އޮތްގޮތަށް ދެމި އޮންނާނެކަމަށް ވެސް މިރޭގެ އިއުލާންގައި ބުނެފައިވެއެވެ.
މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއު އުވާލި ނަމަވެސް، 12 މާރިޗުން ފެށިގެން އިއުލާން ކޮށްފައިވާ އާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އަދިވެސް ދެމިއޮންނާނެއެވެ.
ރާއްޖޭގައި ކޯވިޑްގެ ހާލަތު އެންމެ ގޯސްވި މާލެއާއި މާލެ ސަރަހައްދުން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދައްވަމުން ދިއުމާއެކު، ކޯވިޑް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް އަންނަނީ ދުވަހެއް ދުވަހަކަށް ލުއިކުރަމުން ނެވެ.
މުޅި ރާއްޖެއިން ފާއިތުވި 24 ގަޑީރު ތެރޭ ކޯވިޑަށް ޕޮޒިޓިވްވީވެސް 26 މީހުނެވެ. އޭގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ޕޮޒިޓިވްވި 14 މީހުންނާއި އަތޮޅުތަކުން ޕޮޒިޓިވްވި 12 މީހުންނެވެ.