އިއްޔެ މާލެއިން ޖުމްލަ 38.6 ޓަނުގެ ކުނި ނަގާފައިވާ ކަމުގައި މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީ ކައުންސިލުން ކުރި އެކްސް ޕޯސްޓެއްގައި ބުނީ އިއްޔެ މާލޭ މަގުމަތިން 350 ކިލޯގެ 16 ޕިކަޕު ކުންޏާއި، 1.5 ޓަނުގެ 6 ޕިކަޕު 2 ޓަނުގެ ކުންޏާއި 2 ޕިކަޕު 10 ޓަނުގެ 2 ޕިކަޕުގެ ކުނި ނަގާފައިވާ ކަމުގައެވެ. އެގޮތުން ޖުމުލަ 38.6 ޓަނުގެ ކުނި އިއްޔެ އެކަނިވެސް މާލެއިން ނަގާފައިވަކަމަށް ސިޓީ ކައުންސިލުން ބުނެފައި ވެއެވެ.
ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް މާލޭގެ ގިނަ އަދަދެއްގެ ގޭބިސީތައް ސާފުކޮށް މަގުތަކުގެ މައްޗަށް ވަނީ ކުނިތައް ޖަމާކޮށް، ހަޑިކޮށްލައިފައެވެ. ރޯދަމަހަށް ގޭތެރެ ސާފުކޮށް ނެރުނު ތަކެތީގެ ތެރޭގައި ފަރުނީޗަރާއި ގޭގޭގައި ހިފައި ގެންގުޅޭ އެހެން ސާމާނު ހިމެނެއެވެ.
މަގުމައްޗަށް ކުނި އެޅުމުން އުޅަނދުފަހަރު ދުއްވުމަށާއި ޕާކް ކުރުމަށާއި ހިނގާ ބިނގާވެ އުޅުމަށް އިންތިހާ އަށް ދަތިވިއެވެ. މާލެ ތެރެ ހަޑިކޮށްލުމާ ގުޅިގެން މާލެ ސިޓީ ކައުންސިލާއި ވެމްކޯ އިން ވަނީ މާލެތެރެ ސާފު ކުރަން ނުކުމެފައެވެ.
އޭގެ އިތުރުން މާލޭގަ މަގުތަކަށް ގަވާއިދާ ޚިލާފަށް ކުނި އަޅާ ފަރާތްތައް ސިޓީ ކައުންސިލުން ދަނީ ޖޫރިމާނާވެސް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ