ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި މެދުހެންވޭރު ދާއިރާއަށް އަމިއްލަގޮތުން ވާދަކުރައްވާ ހަސަން ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ހަސަން ޝިޔާމް ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝަރުތު ފުރިހަމަ ނުވާކަމަށް ހުކުމް ކޮށްފައިވަނީ، ސުޕްރީމް ކޯޓުގައި އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. މި ހުކުމުގައި ވަނީ މަޖިލީސް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަސަންގެ ކިބައިގައި ފުރިހަމަނުވާ ކަމަށް ކަނޑައަޅައި، އޭނާގެ ކެންޑިޑެސީ ބާތިލުކޮށްފައެވެ.
މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއާއި ފަނޑިޔާރު ހުސްނުއްސުއޫދު، އަދި ފަނޑިޔާރު އައިޝާ ޝުޖޫންއެވެ. ރިޔާސާތުގައި އިންނެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމްއެވެ.
ޝިޔާމްގެ ކެންޑިޑެސީ ބާތިލުކުރަން ހުށަހެޅީ މެދުހެންވޭރު ދާއިރާއަށް ވާދަކުރައްވާ އެ ދާއިރާގެ މިހާރުގެ ވެސް މެންބަރު އަލީ އާޒިމްގެ ކޮއްކޮއެއް ހ. ކްއީން، އިލްޔާސް އަހުމަދެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ހަސަންގެ މައްޗަށް ސާބިތު ދަރަންޏެއް ސާބިތުވާ ކަމަށެވެ. އަދި އޭނާ އެދިފައިވަނީ، ހަސަންގެ ކެންޑިޑެސީ ބާތިލުކޮށް ދިނުމަށެވެ.
ހަސަން މެދުހެންވޭރު ދާއިރާއަށް އެންމެ ފުރަތަމަ ކެމްޕޭން ކުރަންފަށާފައިވަނީ ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ކަށަވަރު ކުރުމަށެވެ. އެހެންނަމަވެސް އޭނާ ހިމެނިގެންދިޔައީ ޕީއެންސީންގެ ޓިކެޓަށް ޝަރުތު ފުރިހަމަ ނުވާކަމަށް އެޕާޓީން ސިޓީ ފޮނުވި ކެނޑިޑޭޓުންގެ ތެރޭގައެވެ. އެހެންނަމަވެސް ފަހުން ހުރިހާ ފަރާތްކަށް ޕީއެންސީގެ ޕްރައިމަރީގައި ވާދަކުރެވޭ ގޮތަށް ހަމަޖެއްސި ނަމަވެސް އޭނާ އިންތިޚާބުގައި ވާދަކުރެއްވުމަށް ނިންމީ މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ކްރިސްޓަލް ލެގޫން ރިސޯޓަށް 2006 ވަނަ އަހަރު ދޫކުރި 10 މިލިއަން ޑޮލަރާއި 2008 ވަނަ އަހަރު ދޫކުރި 64 މިލިއަން ރުފިޔާގެ ލޯނުގެ މުއްދަތު ހަމަވިއިރު އެ ލޯނު ދައްކާފައިނުވާއިރު، އެ ލޯނަށް ގެރެންޓީ ދިން 11 ފަރާތުގެ ތެރޭގައި ހަސަން ވެސް ހިމެނެ އެވެ.
އެ ދެ ލޯނަށް ޔަގީންކަން ދިން ފަރާތްތަކުން އެ އަށް ޒިންމާވާން ޖެހޭނެ ކަމަށް ކަނޑައަޅައިދޭން ސިވިލް ކޯޓަށް އެސްބީއައި އިން ހުށަހެޅި ދައުވާގައި އެ ކޯޓުން ހުކުމް ކޮށްފައި އޮތީ 8 މަސް ދުވަސް ތެރޭ ލޯނުގެ ފައިސާ އާއި އިންޓްރެެސްޓާއި ޖޫރިމަނާއާ އެކު ދައްކައި ހަލާސް ކުރުމަށެވެ. އެ ހުކުމް އިއްވާފައިވަނީ ލޯނަށް ގެރެންޓީ ދިން 11 މީހުންގެ މައްޗަށެވެ.
މި ހުކުމްއާ އެއްްގޮތަށް މުއްދަތުގައި ފައިސާ ދައްކާފައި ނުވާތީ ހުކުމް ތަންފީޒު ކުރުމުގެ މައްސަލައެއް ވެސް އެސްބީއައި އިން ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައާ ގުޅިގެން ހުކުމް ތަންފީޒު ކުރުމުގެ މަސައްކަތްތައް އެ ކޯޓުން ކުރަމުން އަންނައިރު، ލޯނަށް ރަހުނުކުރި ދެ ރިސޯޓެއް ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން އޮތީ ދީފަ އެވެ.
އެ ދެ ރިސޯޓް ވިއްކާލުމަށް ފަހު، ކޯޓުން ގެރެންޓަރުން ދެން އިތުރަށް ދައްކަން ޖެހޭ ފައިސާ ކަނޑައެޅުމާ ހަމައަށް ތަންފީޒު ކުރަން ޖެހޭ ސާބިތު ދަރަންޏެއް ނެތް ކަމަށް އެސްބީއައިގެ މައްޗަށް އަމުރުކޮށްދޭން ހަސަންގެ ފަރާތުން ސިވިލް ކޯޓުގައި އެދިފައި ވެ އެވެ. ނަމަވެސް، ސިވިލް ކޯޓުން ނިންމާފައިވަނީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ.