އިހުސާސް ޕްރޮގްރާމް އަނެއްކާވެސް ޕީއެސްއެމްއިން ގެނެސްދޭން ފަށައިފި

އިހުސާސް ޕްރޮގްރާމް އަނެއްކާވެސް ޕީއެސްއެމްއިން ގެނެސްދޭން ފަށައިފި

Author
ހުސެއިން
21 މާރޗް 2024 11:29
0

ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ހާއްސަކޮށްގެން ދައުލަތުގެ މީޑިއާ "ޕީއެސްއެމް"އިން ގެނެސްދެމުންދާ "އިޙުސާސް" ޕްރޮގްރާމްގައި އެޕްރޮގްރާމްގެ ޕްރެސެންޓަރ މަރިޔަމް ނަމްޒާ ދެއްކި ވާހަކަތަކަށް ބެލުންތެރިންގެ ފާޑުކިޔުން އަމާޒުވެ، ވަގުތީގޮތުން ގެނެސްދިނުން މެދުކަނޑާލުމަށްފަހު އެ ޕްރޮގްރާމް އަލުން އޮން އެއަރކުރަން ފަށައިފިއެވެ.

މި ޕްރޮގްރާމް އަލުން ގެނެސްދޭން ފެށިއިރުވެސް ޕްރޮގްރާމް ގެނެސްދެމުން ދަނީ ކުރިންވެސް އެ ޕްރޮގްރާމް ހުށަހަޅަމުންދިޔަ، އާންމުންގެ ފާޑުކިއުން އަމާޒުވި ޕްރެސެންޓަރ ނަމްޒާއެވެ.

ކޮންމެ ރޯދަމަހަކުވެސް ޕީއެސްއެމްއިން ގެނެސްދެމުންދާ "އިޙުސާސް" ޕްރޮގްރާމް ސިލްސިލާކޮށް ކުރިޔަށް ގެންދަމުންދާތާ މިއީ 4 ވަނަ އަހަރެވެ. އެ ޕްރޮގްރާމް ހުށަހަޅާދެމުންދަނީ ޓީވީ ޕްރެސެންޓަރެއް ކަމުގައިވާ، މި ސަރުކާރުގެ ޖެންޑާ މިނިސްޓްރީގެ ނައިބުގެ މަގާމް އަދާކުރައްވަމުން ގެންދަވާ މަރިޔަމް ނަމްޒާއެވެ.

މި ޕްރޮގްރާމަށް ބައެއް ފަރާތްތަކުގެ ފާޑުކިޔުން އަމާޒުވީ މިއަހަރުގެ ފުރަތަމަ ޕްރޮގްރާމްގައި، ނުކުޅެދުންތެރިކަން ހުންނަ ކުއްޖަކަށް ނިސްބަތްކޮށް، ދައްކައިގެން ނުވާނެ ބީދައަކުން ނަމްޒާ ވާހަކަ ދައްކާފައިވާކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރު އޭރު ވިދާޅުވީ ފާޑުކިޔުން އަމާޒުވި ނަމަވެސް އެ ޕްރޮގްރާމް ހުއްޓާލަން ނުނިންމާ ކަމުގައެވެ. އެހެންނމަވެސް މިކަމުގައި ހުރި ކަންބޮޑުވުންތައް އެ ޕްރޮގްރާމް ހުށަހަޅައިދޭ ފަރާތާއި ހިއްސާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ، ޕީއެސްއެމްގެ ކޮންޓެންޓް ކޮމިޓީއިން ވަރަށް ރަނގަޅަށް ބެލުމަށްފަހު ޕްރޮގްރާމް ކުރިޔަށް ގެންދާނެކަމުގައެވެ.

މި ޕްރޮގްރާމް އަލުން ގެނެސްދޭން ފެށިއިރު، ޕްރޮގްރާމްގެ ކޮންޓެންޓް ރަގަޅު ކުރުމަށް އެޅި ފިޔަވަޅެއް ޕީއެސްއެމްއިން ހާމަކޮށްފައެއް ނުވެއެވެ.

މި ރޯދަމަހުގެ ފުރަތަމަ ޕްރޮގްރާމްގައި ނަމްޒާ ދެއްކެވި ވާހަކަތަކާއި ގުޅިގެން ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުވާން ފެށުމުން އޭނާވަނީ އޭނާގެ އެކްސް ހޭންޑްލް ޑިއެކްޓިވޭޓްވެސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.