ޑްރޯން އިފްތިތާހުކުރަން ރައީސް މާފަރަށް ވަޑައިގަންނަވަނީ

ޑްރޯން އިފްތިތާހުކުރަން ރައީސް މާފަރަށް ވަޑައިގަންނަވަނީ

Author
ހުސެއިން
15 މާރޗް 2024 06:06
0

ތުރުކީގެ ބައިރެކްތާރު މަރުކާގެ ޑްރޯންތަކާއެކު ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމާއި ދިވެހި ސިފައިން ރަސްމީކޮށް ހަވާލުވާން މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް މުއިއްޒު މާފަރަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

ޑްރޯންތައް އިފުތިތާހު ކުރުމުގެ ރަސްމިއްޔާތު މިރޭ ބޭއްވުމަށް ހަމަޖެހިފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގަ އެވެ.

ޑްރޯންތައް އޮޕަރޭޓް ކުރުމުގެ ބޭސް ގާއިމް ކުރުމަށް ހަމަޖެހިފައިވަނީ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައެވެ.

ތުރުކީން ރާއްޖެއަށް ގެނެސްފައިވަނީ ދުނިޔޭގެ ޑްރޯން ޓެކްނޮލޮޖީގެ އެންމެ އެޑްވާންސް ޑްރޯންތަކެވެ. އެއީ ބައިރެކްތާރު ޓީބީ2 މޮޑެލްގެ ޑްރޯންތަކެވެ.

މިއީ އެންމެ ޒަމާނީ އަސްކަރީ އަދި މުއާސަލާތީ އާލާތްތަކާއެކު އުފައްދާފައިވާ ޑްރޯންތަކެއްކަންވެސް ފާހަގަކޮށްލެވެއެވެ.

މިގޮތުން މި ޑްރޯންތަކަކީ 27 ގަޑިއިރަށް ވުރެ ގިނަ އިރު 25،000 ފޫޓަށް ވުރެ މަތިން ދަތުރު ކުރުމުގެ ގާބިލްކަން ލިބިފައިވާ ޑްރޯންތަކެވެ.

އަދި 70 އާއި 120 ނޯޓުގެ ސްޕީޑްގައި ދުއްވުމުގެ ގާބިލްކަން ލިބިފައިވާ މި ޑްރޯންތަކަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައިވެސް ބޭނުން ކުރަމުން އަންނަ ވައްތަރެއްކެވެ.

މި ޑްރޯންގައި ލޭޒާ ގައިޑަޑް މިސައިލް ހަރު ކުރުމުގެ ގާބިލްކަންވެސް ލިބިފައި ވެއެވެ.

މި ޑްރޯންތަކުގެ އެހީގައި ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމަށް ބާއްވާ ރަސްމިއްޔާތު މިއަދު ނ. މާފަރުގައި ބާއްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިއްޔެ އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރ ވިދާޅުވީ، އެމްއެންޑީއެފްގެ ޔޫއޭވީގެ އުދުހުންތަކެެއް މާފަރުގައި ކުރިއަށް ގެންދެވުނު ކަމަށެވެ.

ފާހަގަކޮށްލަން ޖެހޭ ކަމަކީ މި ޑްރޯންތަކަށް ދިވެހި ސިފައިން އަހުލުވެރިކުރުވުމަށް ތުރުކީގައި ހާއްސަ ތަމްރީނުތަކެއްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

24 ގަޑިއިރު ތެރޭ ހުއްޓުމެއް ނެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓޭނެ ނިޒާމް މި މަސް ތެރޭގައި ގާއިމް ކުރާނެ ކަން ރައީސް ވަނީ އިއުލާންކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.