ބަޖެޓް ނުކޮށް، ކޮންޓިންޖެންސީ ބަޖެޓުން ޚަރަދުކޮށްގެން ޑްރޯން ގަތީ މަޖިލިސް އިންތޚާބަށް ފައިސާ ހޯދުމަށް: އެމްޑީޕީ

ބަޖެޓް ނުކޮށް، ކޮންޓިންޖެންސީ ބަޖެޓުން ޚަރަދުކޮށްގެން ޑްރޯން ގަތީ މަޖިލިސް އިންތޚާބަށް ފައިސާ ހޯދުމަށް: އެމްޑީޕީ

Author
ހުސެއިން
13 މާރޗް 2024 01:42
0

މި ސަރުކާރުން، ބަޖެތް ނުކޮށް ކޮންޓިންޖެންސީ ބަޖެޓުން ޚަރަދުކޮށްގެން، "ނުއަގުގައި" ޑްރޯން ގަތީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބަށް ފައިސާ ހޯދުމަށްކަމަށް އިދިކޮޅު އެމްޑީޕީން ތހުމަތު ކޮށްފިއެވެ.

މަޖިލިސް އިންތިޚާބުގެ އެމްޑީޕީގެ ކެމްޕޭން ތަރުޖަމާނަކަށް ހަމަޖައްސާފައިވާ އަހުމަދު އީސަ ވިދާޅުވީ ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ޑްރޯން ގެނައުމަށް ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ އެމްޑީޕިން ކުރަމުންދިޔަ މަޝްވަރާތަކަކީ ރަހުމަތްތެރި ގައުމަކުން ހިލޭ އެ ޓެކްނޮލޮޖީ ހޯދުމަށް ކަމުގައެވެ.

އޭނާ ވިދާޅުވީ އެހެންނަމަވެސް މި ސަރުކާރުން ޑްރޯން ގެނެސްފައިވަނީ "ތެޅި ފޮޅެމުން" ކަމަށާއި، ރައީސް މުއިއްޒު ތުރުކީއަށް ވަޑައިގަތުމަށްފަހު، ކޮންޓިންޖެންސީ ބަޖެޓުން ޚަރަދު ކޮށްގެން ޑްރޯން ގަނެފައިވަނީ، ތަރައްގީގެ އެހެން މަޝްރޫއުތައްވެސް ހުއްޓާލުމަށްފަހު ކަމަށެވެ.

ކުއްލިއަކަށް ގޮސް ތިވަރުގެ ބޮޑު ހަރަދެއް، ބަޖެޓް ނުކުރައްވާ ކޮންޓިންޖެންސީ ބަޖެޓުން ނަގައިގެން ކުރެއްވި ކުރެއްވުމަކީ ސުވާލު އުފެދޭ ކަމެއް، އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ތުހުމަތު ކުރެވޭ މި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ފައިސާ ހޯދުމަށްޓަކައި، ދުނިޔޭގެ ބާޒާރުގައި އެ ޓެކްނޮލޮޖީ ވިއްކަން ހުރި އަގަށްވުރެ ބޮޑު އަގުގައި ކުރައްވާފައި އެއޮތީ.

އިސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވި ގޮތުންނަމަ ސަރުކާރުން ޑްރޯން ގަންނަން 30 މިލިއަން ހަރަދުކޮށްފައިވާކަމަށެވެ. އެހެންނަަމަވެސް އެ ޑްރޯންތައް އެއަށްވުރެ އަގު ހެޔޮކޮށް ހޯދޭނެ ގޮތުގެ ތަފްސީލުތައް އެމްޑީޕީގައި އެބަހުރިކަމަށްވެސް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އޭގެ ތަފްސީލެއް އޭނާ ދެއްވާފައެއް ނުވެއެވެ.

ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި އަސްކަރީ ޑްރޯންތަކެއް ގަތުމަށް ތުރުކީގެ ކުންފުންޏަކާއެކު މި ސަރުކާރުން ވީ އެއްބަސްވުމުގެ ދަށުން ގެނައި ޑްރޯންތައް ނ. މާފަރު އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ. ރާއްޖެއިން ގެނެސްފައިވަނީ ބައިކާރުގެ ޓީބީ2 ޑްރޯންތަކެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.