ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 8 ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ 15 ދުވަސް ތެރޭގައި ދަރަނި ދެއްކުމަށް ސިވިލް ކޯޓުން އޭނާގެ މައްޗަށް ކުރި ހުކުމް ބާތިލްކުރަން އޭނާ ހުށަހަޅުއްވައިފިއެވެ.
އިސްމާއިލް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވީ ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އޭނާގެ އައިރު ހާޒިރުގައި ކަމަށާއި، ކޯޓެއްގައި ދެފަރާތެއްގެ ދެމެދު ހިނގި މައްސަލައެއްގައި ފައިސަލާކުރުވަނިވި ނިހާއީ ހުކުމެއް ކުރެވިފައިވަނިކޮށް، ހަމަ އެ ދެފަރާތް ހިމެނޭހެން އެއް މައުލޫއުގެ މައްޗަށް އައު މައްސަލައެއް ހުށަހެޅުމުން ކޯޓުން އެ މައްސަލަ ބެލުމަކީ ގާނޫނީ ގޮތުން އިސްތިގުރާރުވެފައިވާ ރެސް ޖުޑިކަޓާގެ މަބްދައިގެ ދަށުން މަނާކުރާ ކަމެއް ކަމަށެވެ.
އިސްމާއިލްގެ ބަޔާނުގައި ވިދާޅުވެފައިވަނީ އޭނާގެ ފަރާތުން މަސައްކަތް ހަވާލުކުރި ސަބް ކޮންޓްރެކްޓަރ އެއްބަސްވެފައިވާ މުއްދަތުގައި މަސައްކަތް ފުރިހަމަ ކޮށްފައި ނުވާކަމަށާއި، އެގޮތުން މަސައްކަތް އަތުލުމުގެ ކުރިން ކޮންޓްރެކްޓަރއަށް ދޭންޖެހޭ ފައިސާ 2019 ވަނަ އަހަރާއި ހަމައަށް ދީ ޚަލާސް ކޮށްފައިވާ ކަމަށެވެ.
އިސްމާއިލްގެ ބަޔާނުގައި ވިދާޅުވެފައިވަނީ 2020 ވަނަ އަހަރު މިކަން ސިވިލް ކޯޓުން ސާބިތުވެފައިވާ ކަމުގައެވެ.
އިސްމާއިލް ވިދާޅުވެފައިވަނީ އެއީ ކޯޓުން ނިންމާފައިވާ މައްސަލައަކަށް ވާއިރު، ކޯޓަށް އަލުން މައްސަލަ ހުށަހަޅާފައިވަނީ އިސްތިއުނާފް ކުރުމަކާ ނުލާކަމުގައެވެ.
ފާއިތުވި ފެބްރުއަރީމަހުގެ 19 ވަނަ ދުވަހު ސިވިލް ކޯޓުން މެމްބަރު އިސްލާއިލްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއު އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދީގެން ސަބް ކޮންޓްރެކްޓަރުގެ ފަރާތުން ހުށަހެޅި މައްސަލަ ސާބިތުވާކަަމަށް ނިންމާ، ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ 856،830 ރުފިޔާ 15 ދުވަސްތެރޭ ދެއްކުމަށެވެ.
މި މަޝްރޫޢަކީ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން އިސްމާއިލްގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އޭނާ އެ މަސައްކަތް ސަބް-ކޮންޓްރެކްޓްކުރީ މޫސާ ހަލީލް ކިޔާ މީހަކަށެވެ.
މޫސާ ހަލީލްގެ ދައުވާގައި ބުނެފައިވަނީ އޭނާގެ އަމިއްލަ ތަކެތީގައި ކުރި މަސައްކަތަކަށްވާ 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ.
އެހެންނަމަވެސް އެ ފައިސާގެ ތެރެއިން މިހާތަނަށް 425،000 ރުފިޔާ ލިބިފައިވާ ކަމަށް ބުނެ، ކޯޓު މެދުވެރިކޮށް ހޯދަން އޭނާ އެދިފައިވަނީ 856،830 ރުފިޔާއެވެ.
މިމައްސަލާގައި އިސްލާއިލް ކޯޓަށް ޖަވާބުދާރީވެސް ވެފައި ނުވެއެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބުނަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.
އެހެންކަމުން ހުކުމަށްފަހު 15 ދުވަސްތެރޭގައި އިސްމާއިލް މި ފައިސާ ދައްކާފައި ނުވާނަމަ އޭނާ ގޮނޑިއާމެދު ސުވާު އުފެދޭނެއެވެ. އޭނާ މިފައިސާ ދައްކާ ޚަލާސްކުރިކަމެއް އަދި އެނގިފައެއް ނުވެއެވެ.
އޭނާދަނީ ކުރިޔަށް އޮތް ދައުރަށްވެސް އެދާއިރާއަށް ވާދަކުރައްވަމުންނެވެ.