ދުވާފަރު ދާއިރާގެ މެމްބަރު އިސްމާއިލް އަހުމަދުގެ މައްޗަށް 8 ލައްކަ ރުފިޔާގެ ދަރަންޏެއް ސާބިތުވެ 15 ދުވަސް ތެރޭގައި ދަރަނި ދެއްކުމަށް ސިވިލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފިއެވެ.
ފާއިތުވި ފެބްރުއަރީމަހުގެ 19 ވަނަ ދުވަހު ސިވިލް ކޯޓުން އޭނާގެ މައްޗަށް ހުކުމް ކޮށްފައިވަނީ ތ. ކަނޑޫދޫ ސްކޫލްގެ ތިން ކްލާސްރޫމެއް އެޅުމުގެ މަޝްރޫއު އޭނާގެ ކުންފުންޏަކުން ނަގައި، އެ މަސައްކަތް ހަވާލުކުރި ސަބް-ކޮންޓްރެކްޓަރަށް ދޭން ޖެހޭ ފައިސާ ނުދީގެން ސަބް ކޮންޓްރެކްޓަރުގެ ފަރާތުން ހުށަހެޅި މައްސަލަ ސާބިތުވާކަަމަށް ނިންމާ، ސަން ކޮންޓްރެކްޓަރަށް ދައްކަން ޖެހޭ 856،830 ރުފިޔާ 15 ދުވަސްތެރޭ ދެއްކުމަށެވެ.
މި މަޝްރޫޢަކީ 2018 ވަނަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން އިސްމާއިލްގެ ކުންފުންޏަކާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ. އޭނާ އެ މަސައްކަތް ސަބް-ކޮންޓްރެކްޓްކުރީ މޫސާ ހަލީލް ކިޔާ މީހަކަށެވެ.
މޫސާ ހަލީލްގެ ދައުވާގައި ބުނެފައިވަނީ އޭނާގެ އަމިއްލަ ތަކެތީގައި ކުރި މަސައްކަތަކަށްވާ 1.2 މިލިއަން ރުފިޔާ އަރާ ކަމަށެވެ.
އެހެންނަމަވެސް އެ ފައިސާގެ ތެރެއިން މިހާތަނަށް 425،000 ރުފިޔާ ލިބިފައިވާ ކަމަށް ބުނެ، ކޯޓު މެދުވެރިކޮށް ހޯދަން އޭނާ އެދިފައިވަނީ 856،830 ރުފިޔާއެވެ.
މިމައްސަލާގައި އިސްލާއިލް ކޯޓަށް ޖަވާބުދާރީވެސް ވެފައި ނުވެއެވެ.
ގާނޫނުއަސާސީގެ 73 ވަނަ މާއްދާގައި ބުނަނީ އަދާކުރާންޖެހޭ ސާބިތު ދަރަންޏެއް އޮތް މީހަކު ނަމަ، ހުކުމާ އެއްގޮތަށް އެ ދަރަނި އަދާކުރަމުން ނުދާ ނަމަ، މެންބަރު ކަމުގެ ޝަރުތު ހަމައެއް ނުވާނެ އެވެ.
އެހެންކަމުން ހުކުމަށްފަހު 15 ދުވަސްތެރޭގައި އިސްމާއިލް މި ފައިސާ ދައްކާފައި ނުވާނަމަ އޭނާ ގޮނޑިއާމެދު ސުވާު އުފެދޭނެއެވެ. އޭނާ މިފައިސާ ދައްކާ ޚަލާސްކުރިކަމެއް އަދި އެނގިފައެއް ނުވެއެވެ.
އޭނާދަނީ ކުރިޔަށް އޮތް ދައުރަށްވެސް އެދާއިރާއަށް ވާދަކުރައްވަމުންނެވެ.