14 އަހަރުވަންދެން ބަންދު ކޮށްފި އޮތުމަށްފަހު، މިރޭ ރަސްމީކޮށް މާފަންނު ދޮން އަދަރާދަ ހިނގުން ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ. މިމަގު މީގެ 14 އަހަރު ކުރިން، 2010 ވަނަ އަަހަރު ބަންދުކުރީ ސްޓެލްކޯގެ ބޭނުމަށެވެ.
މިރޭ ދޮންއަދަރާދަ މަގުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަގު ހުޅުއްވައި ދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން އާއި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީއެވެ.
އެ ރަސްމިއްޔާތުގައި ސްޓެލްކޯއާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ދޮންއަދަރާދަ ހިނގުން 2010 ވަނަ އަަހަރު ބަންދުކުރީ މާލޭގެ އިތުރުވަމުންދާ ކަރަންޓުގެ ޑިމާންޑަށް ކޭޓާ ކުރުމަށްޓަކައި، ކެޕޭސިޓީ އިތުރުކުރުމަށް އޭރު ރާވާފައިވާ ފޯތު ޕަވަރ ޕްރޮޖެކްޓް ފެށުން ލަސްވެ، އެކަމަށް ހައްލެއް ހޯދުމަށްޓަކައި، ދޮންއަދަރާދަ ހިނގުމަށް ވާގޮތަށް އިންޖީނުގެއެއް އެޅުމަށެވެ. އެގޮތުން މިމަގު ހިމެނޭ ސަރަހައްދުގައި އެތަނުގައި 17 އިންޖީނު ހިންގަމުން އައިސްފައި ވެއެވެ. މިހާރު އެ އިންޖީނުތައް ވަނީ ހުޅުމާލެއަށް ބަދަލުކޮށްފައެވެ. މަގު ހުޅުވުމުގެ މަސައްކަތަށް 4.8 މިލިއަން ރުފިޔާ ޚަރަދު ވެފައި ވެއެވެ.
މި މަގު ހުޅުވާލުމުން މިޙާރުވެސް ބާރު ބޮޑުވެފައިވާ މާލޭގެ ޓްރެފިކްއަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބޭނެކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ