ކުރިޔަށް އޮތް ރޯދަމަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް ސަރުކާރުން ހަނޑުލާއި ފުށް ދޭން ސަރުކާރުން ނިންމާފައިވާ ނިންމުމާ އެއްގޮތަށް، ރޯދައިގެން ކުރިން ގޭގެއަށް ކާޑުގެ ބާވަތްތައް ދޫކުރަން ފެށުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ކާޑު ބަހަން ފަށަން ނިންމައިފިއެވެ.
މިކަން ކަށަވަރު ކޮށްދެއްވާފައިވަނީ، މިނިސްޓްރީ އޮފް ސިޓީސް, ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާކްސްގެ އާދަމް ޝަރީފް ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ހަމަޖައްސާފައިވަނީ އެސްޓީއޯ މެދުވެރިކޮށް ދޫކުރާ ކާޑުގެ ބާވަތްތައް ކޮންމެ ރަށެއްގެ ވެސް ކައުންސިލުތަކުން ބަހާ ގޮތަށެވެ.
ކާޑުގެ ބާވަތްތައް ހޯދުމަށް ރަޖިސްޓްރީވާންޖެހޭ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅުކުރަމުންދާން ފެށުމުން، ރެޖިސްޓްރީ ނުވެ، އެތަކެތި ގޭބިސީތަކަށްވެސް ލިބޭނެ ގޮތެއް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ގެއަކަށް 10 ކިލޯ ހަނޑުލާއި 10 ކިލޯ ފުށް ބަހަން ސަރުކާރުންވަނީ ހަމަޖައްސާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެ ދުވަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް ވިދާޅުވީ ރޯދަ މަހަށް ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑުލާއި 10 ކިލޯ ފުށް ލިބޭނެ ކަމަށެވެ.
އޭގެ އިތުރު ކަންތައްތައްވެސް ވާނެ. އަދި މި އަންނަ އަހަރު އެ އަށްވުރެ އިތުރުވެސް ކުރާނަން. އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް އިރާދަކުރެއްވިއްޔާ ތެދުވާނީ ވަކި ބަޔަކަށް ބަރޯސާވުން ނިމުމަކަށް ގެނެސްގެން.
ރައީސް ވިދާޅުވި އެވެ.
ރައީސް އެ ދުވަހު އިތުރަށް ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ކާޑުގެ ބާވަތްތައް އެންމެ ގައުމަކުން ގެންނަ ގޮތަށް އޮތް އޮތުން ނިމުމަކަށް ގެނެސް ކާޑުގެ ބާވަތްތައް ރާއްޖެއަށް ގެނައުމަށްޓަކައި ތުރުކީއާ އެކުގައިވެސް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ