ވ. އަތޮޅު ކައުންސިލުން ރައީސަށް ދެންނެވީ އެ އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުން ނުވާކަމަށް

ވ. އަތޮޅު ކައުންސިލުން ރައީސަށް ދެންނެވީ އެ އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްގީ ކުރުމަށް ބޭނުން ނުވާކަމަށް

ވ

ފެލިދެ އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްޤީ ކުރުމަށް ބޭނުން ނުވާކަމުގައި އެ އަތޮޅު ކައުންސިލުން ރައީސަށް ދަންނަވައިފިއެވެ.

އަތޮޅު ކައުންސިލުން މިގޮތަށް ދެންނެވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ފެލިދެއަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު، އަތޮޅު ކައުންސިލާ ބައްދަލުކުރައްވައި މުޅި އަތޮޅުގެ ތަރައްޤީއަށްޓަކައި ކުރުމަށް ބޭނުންވާ ކަންކަމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގައެވެ. މި ބައްދަލުކުރެއްވުން އޮތީ ރޭ ފެލިދެއަތޮޅު އަތޮޅު ކައުންސިލް އިދާރާގައެވެ.

ފެލިދެ އަތޮޅުގައި އިތުރު ރިސޯޓެއް ތަރައްޤީ ކުރުމަށް ބޭނުން ނުވާ ސަބަބެއްގެ ގޮތުގައި އަތޮޅު ކައުންސިލުން ފާހަގަ ކުރީ އެއީ ރިސޯޓެއް ތަރައްޤީކުރުމުން ވ އަތޮޅުގެ ރައްޔިތުންނަށް އެއްވެސް ފައިދާއެއް ނުވާނެތީ ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ އަތޮޅުގެ އެކި ރަށްރަށުގައި ފެށިފައިހުރި މަޝްރޫޢުތައް އަވަހަށް ކުރިއަށް ގެންގޮސްދެއްވައި ނިންމަވާދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ކައުންސިލުން ވަނީ މީހުން ދިރިއުޅެމުންދާ ރަށްތައް ހިއްކުމުގެ ބަދަލުގައި ދުރު މުސްތަޤްބަލަށްޓަކައި އަތޮޅުގައި މީހުން ދިރިއުޅޭނެ 6 ވަނަ މަންޒިލެއް ނުވަތަ އައު ރަށެއް ހިއްކާ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި އަތޮޅު ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރ މަސައްކަތް ފެށުމަށް ބޭނުންވާ ކަމަށާއި، ވ. އަތޮޅުގައި 'ޕިކްނިކް އައިލެންޑެއް' ތަރައްޤީކޮށްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ސިވިސް ސަރވިސް އިން ކައުންސިލް އިދާރާތައް ވަކިކޮށް މިނިވަން ކުރުމަށް ބޭނުންވާކަމަށާއި ފަސޭހަ ކަމާއެކު ކައުންސިލްތަކަށް މުވައްޒަފުން ނެގޭނެ ގޮތެއް ބޭނުންވާކަމުގައި ކައުންސިލުން ފާހަގަކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަތޮޅު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *