ކުރީގެ ސަރުކާރުން ނ. ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އަޅަން އެޅުމަށް ބަޔަކާ ހަވާލުކުރީ 193 މިލިއަން ރުފިޔާ އަށް ކަމަށާއި އެ ފައިސާ ހަމަނުޖައްސާ އިރު، އެއީ 135 މިލިއަން ރުފިޔާ އިން އެޅޭނެ ހޮސްޕިޓަލެއް ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިރޭ ވިދާޅުވެއްޖެއެވެ.
ހަލީލް އެގޮތަށް ވިދާޅުވެފައި ވަނީ ކެނދިކުޅުދޫ ހޮސްޕިޓަލްގެ މަސައްކަތް ފަރުވާ ކުޑަނުކޮށް، ބާރު ސްޕީޑުގައި ނިންމަވައި ދެއްވުމަށް ސޯލިހް ވަނީ މިއަދު އެ ރަށުގައި ވިދާޅުވެފައިވަނިކޮށެވެ. ސޯލިހް އެރަށަށް ވަޑައިގަތީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ ކެމްޕެއިނާ ދިމާކޮަށެވެ.
ދ. މީދޫ ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް ރައީސް ޑރ. މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅުގައި ބޭއްވެވި ޖަލްސާގައި ހަލީލް ވިދާޅުވީ އެ މަޝްރޫއަށް ފައިސާ ހަމަޖެހިފައި ހުރި ވާހަކައަކީ ކަނޑައެޅިގެން ހެދި ދޮގެއް ކަމަށެވެ. އަދި 30 އެނދުގެ ހޮސްޕިޓަލެއް ގާއިމުކުރުމަށް ބަޔަކާ ހަވާލު ކުރި ނަމަވެސް އެކަމުގައި ފައިނޭންސް ކުރާނެ ގޮތެއް ހޯދިފައި ނުވާ ކަމުގައި ހަލީލް ވިދާޅުވިއެވެ.
އެކަމަކު، މި ސަރުކާރުން ވެރިކަމަށް އައިސް އެ މަޝްރޫއަށް ބޭނުންވާ ފައިސާ ވެސް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ. މިދިޔަ ސަރުކާރުން އެ ޕްރޮޖެކްޓު ހަވާލު ކޮށްފައިވަނީ 193 މިލިއަން ރުފިޔާ އަށް ކަމަށާއި ނަމަވެސް އެ މަސައްކަތް 135 މިލިއަން ރުފިޔާ އަށް ކުރެވޭނެ ކަމަށް މޮޅެތި އިންޖިނިއަރުންވެސް ލަފާދީފައިވާ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ދަންނަވާނީ އެއީ ހުސް ދޮގޭ. 5 ޖެނުއަރީ 2023 ގައި ކެނދިކުޅުދޫގައި 30 އެނދުގެ ހޮސްޕިޓަލެއް ގާއިމު ކުރުމަށް ބަޔަކާ ހަވާލު ކުރެވުނު. ކޮންޓްރެކްޓް ފައިނޭންސް އުސޫލުން ހަވާލުކޮށްފަ އޮތީ. ނަމަވެސް އެ ކޮންޓްރެކްޓަރަށް އެއްވެސް ގޮތަކަށް ފައިނޭންސް ރެއިސް ކުރުމުގެ އެއްވެސް ވަސީލަތެއް ގޮތެއް ހަމަޖައްސާފައެއް ނުވޭ. އަޅުގަނޑުމެން ހަމަޖައްސައިދިނީ، މި ސަރުކާރުން،" ހަލީލް ވިދާޅުވިއެވެ.
ހަލީލް ވިދާޅުވީ އެ މަޝްރޫއަށް ބޭނުންވާ ފައިސާ ރައީސް މުއިއްޒު ހަމަޖައްސައި ދެއްވީ މަޝްރޫއުތައް ނުހުއްޓި ކުރިއަށްދާން ބޭނުންވާތީ ކަމަށެވެ.
"135 މިލިއަން ރުފިޔާ އަށް ގާއިމު ކުރެވޭނެ ހޮސްޕިޓަލެއް 193 މިލިއަން ރުފިޔާ އަށް ކޮންޓްރެކްޓް ކުރީމާވެސް، ދެން އޭގެ ފަހަތުގައި ފޮރުވިފައި އޮތް ވާހަކަތަކުގެ ވާހަކަ އަޅުގަނޑުމެން ދައްކާނެ ކަމެއް ނެތް. އެހެންވީމަ އަޅުގަނޑު މިދަންނަވަނީ ރާއްޖޭގެ ކުރީގެ ރައީސް އަކީ އިއްޒަތްތެރި ބޭފުޅެކޭ، ދޮގުތައް ދޮލަނގަކަށް ލައިގެން އެ ބޮލު އަރުވައިގެން ރައްޔިތުން ކުރިމައްޗަށް ނިކުމެ އެ ވިއްކަވަން ނޫޅުއްވާށޭ."
ހަލީލް ވިދާޅުވީ ފަސް އަހަރު ވެގެން ދިޔައިރު ސިއްހީ ނިޒާމު އޮތީ ވަރަށް ނާޒުކު ހާލަތެއްގައި ކަމަށެވެ. . ކޮންމެ ރަށަކަށް ދިޔަޔަސް ސިއްހީ ނިޒާމު ކުރިއަރުވައި ޑޮކްޓަރުންނާއި ނަރުހުން ބޭނުންވާކަން ހާމަކުރާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރު ވެރިކަމާ ހަވާލުވެ ވަޑައިގެން އެންމެ ފުރަތަމަވެސް ނަރުހުންނާއި ޑޮކްޓަރުން މަދުވެފައިވާ ހޮސްޕިޓަލްތަކާއި ސިއްހީ ހިދުމަތްދޭ ތަންތަނަށް ޑޮކްޓަރުންނާއި ނަރުހުން ހޯދި ކަމަށްވެސް ހަލީލް ވިދާޅުވިއެވެ. އެގޮތުން 35 ޑޮކްޓަރުން މިހާރު ރާއްޖެ އައުމުގެ މަގުމަތީގައިވާ ކަމަށާއި އަދި ބައެއް ޑޮކްޓަރުން މިހާރު ރާއްޖެ އައިސްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.