އެމްޕީއެލް އާއި އެފްއެސްއެމްގެ ސްޓާފުންތަކަކަށް ކޮރަޕްޝަން ތުހުމަތުގެ ދައުވާ ޕީޖީން ކޮށްފިއެވެ.
އެފްއެސްއެމް ގެ ސްޓާފުންތަކެއްގެ މައްޗަށް ދައުވާކޮށް، ޕީޖީ އޮފީހުން މައްސަލަ ކޯޓަށް ފޮނުވާފައިވަނީ އިއްޔެއެވެ. ދައުވާކޮށް ކޯޓަށް މައްސަލަ ފޮނުވާފައިވަނީ މީހެއްގެ މައްޗަށެވެ.
އެގޮތުން ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އެމްޕީއެލްގެ ސްޓާފުންނަކީ މުޙައްމަދު އައިމަން އާއި ހަސަން ދީދީއެވެ.
އޭގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތުކުރެވޭ އެފްއެސްއެމްގެ ސްޓާފަކީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ސޯޖިބްއެވެ. ސޯޖިބުގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ދައުވާއަކީ އެމްޕީއެލްއަށް ތެޔޮ ވިއްކުމުގައި ކޮރަޕްޝަން ހިންގާފައިވާކަމުގެ ދައުވާއެވެ. އަދި އައިމަން އާއި ދީދީގެ މައްޗަށް ޕީޖީއިން އުފުލަނީ، ކޮރަޕްޝަން ހިންގުމުގެ ދައުވާގެ އިތުރުން މަކަރާއި ހީލަތުގެ ދައުވާއެވެ.
ޕީޖީން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޗީފް މެނޭޖަރު އައިމަން ވަނީ، އެފްއެސްއެމްއިން ދުވަހަކުވެސް ޑެލިވަރީ ކޮށްފައިނުވާ ތެޔޮ ތަކެއް ލިބުނުކަމަށްބުނެ އޮޅުވާލައިގެން ލިޔެކިޔުން ހަދާފައިވާކަމަށެވެ.
މީގެ އިތުރުން އޭނާ ވަނީ، ޖެނުއަރީ 13، 2020 އާއި އޮކްޓޯބަރު 10، 2020 އާ ދެމެދު ޖުމްލަ 119 ޑެލިވަރީ ނޯޓް އެއްކޮށް ސޮއިކުރުމަށް އެމްޕީއެލްގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ އެސިސްޓެންޓް މެނޭޖަރު ދީދީއަށް އަންގާފައިކަމަށް ޕީޖީ އޮފީހުން ތުހުމަތުކޮށްފައިވެއެވެ.
ޕީޖީން ބުނީ އައިމަން ސިސްޓަމް މެދުވެރިކޮށް 783،100 ލީޓަރުގެ ޑީސަލަށް ޑެލިވަރީ ނޯޓްތައް ލިބުނުކަން ޔަގީންކޮށް ފައިސާ ދެއްކުމަށް ޕްރޮސެސްކޮށްފައިވާ ކަމަށާއި އެއީ ދިވެހި ރުފިޔާއިން ބަލާނަމަ 6،799،800 ރުފިޔާކަމަށެވެ. އަދި މި އަދަދުތަކުގެ ޕޭމަންޓް ރިސިޕްޓް އައިމަންވަނީ، އެފްއެސްއެމްއަށްވެސް އޮޅުވާލާފައިކަމަށް ދައުވާގައިވެއެވެ.
އެހެންކަމުން ދީދީގެ މައްޗަށް ޕީޖީއިން ކުރާ ދައުވާގައި ތުހުމަތުކުރަނީ ކޮރަޕްޝަނަށް މަގުފަހިކޮށްދިންކަމުގެ ތުހުމަތެވެ.
މި މައްސަލައާއި ގުޅިގެން ޕީޖީ އޮފީހުން ބުނެފައިވަނީ، މި މައްސަލާގައި ތުހުމަތުކުރެވޭ އިތުރު 2 ފަރާތެއް ވާކަމަށެވެ. ނަމަވެސް، އެ ފަރާތްތަކަށް ދައުވާކުރެވޭވަރަށް ހެކި އެއްކުރެވިފައި ނެތުމުން ދައުވާ ނުކުރީ ކަމަށެވެ.
ޕިޖީއިން އިތުރަށް ބުނެފައިވަނީ، މިހާރު ކުރަމުންދާ ތަހުގީގުތަށް ނިމުމުން ކޮރަޮޕްޝަންގެ ފައިސާ 6.7 މިލިއަނަށްވުރެ މަތިވެދާނެކަމަށެވެ.
ކޮމެންޓު ފޮނުވާ