އިންތިހާބު ފަސް ކުރާ ބިލް އޮތް ގޮތަށް އަނެއްކާވެސް މަޖިލީހުން ފާސްކޮށްފި

އިންތިހާބު ފަސް ކުރާ ބިލް އޮތް ގޮތަށް އަނެއްކާވެސް މަޖިލީހުން ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރޯދައިގެ ފަހުން ބާއްވަންޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރި ބިލު އަނބުރާ އެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުވާލެއްވުމުން، އިތުރު ބަދަލެއް ނުގެނެސް އެ ބިލު މަޖިލީހުން އަނެއްކާވެސް ފާސްކޮށްފި އެވެ.

މިނިވަން އަދި އިންސާފުވެރި އިންތިހާބަކަށް ހުރަސް އެޅިދާނެ ކަމަށް ބުނެ އެ ބިލު އަނބުރާ މަޖިލީހަށް ފޮނުވާލީ މިދިޔަ އާދީއްތަ ދުވަހެވެ.

އިތުރު ބަދަލެއް ނުގެނެސް އެ ބިލު މިއަދު ފާސް ކުރީ 47 މެންބަރުންގެ ވޯޓުންނެވެ. ބިލު ފާސްނުކުރަން ވޯޓުދިނީ 14 މެންބަރުންނެވެ.

ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ  ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލެއްވީ މިމަހުގެ 26 ވަނަ ދުވަހުއެވެ.

އަލުން ވިސްނާވަޑައިގަތުމަށް އެދި ރައީސް އަނބުރާ އެ ބިލް މަޖިލީހަށް ފޮނުއްވިކަން ހާމަކުރަމުން ރައީސް އޮފީހުން ބުނީ އެ ބިލް ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ. ގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.

ބަންޑާރަ ނައިބުގެ ލަފާގެ މަތިން އެގޮތަށް ރައީސް ނިންމެވި ސަބަބުތަކުގެ ގޮތުގައި ރައީސް އޮފީހުން ބުނީ:

1. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ށ. ގައި ވާގޮތުން މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރީން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާކަމެއް ނިންމަން ޖެހުން.

2. ނަމަވެސް އެ ބިލުގައިވާގޮތަށް އިންތިހާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައި އެވާ މުއްދަތުގެ ކުރިން އިންތިހާބުގެ ހުރިހާ ކަންކަން ނިމާނުލެވުމުގެ ފުރުސަތު އޮތުމުން އެގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ހިލާފުވާނޭ ކަމެއްކަން.

3. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގާއުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނޭ. ނަމަވެސް އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިހާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް.
4. އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަކީ އިންތިޚާބާމެދު އޮތް އިތުބާރު ގެއްލޭނެކަމެއް.
4. މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން؛ މިއީ ކޮންމެހެން އާއްމުކުރަން ނުޖެހޭ ވަރަށް ބޮޑު ޒާތީ މައުލޫމާތެއް އާންމުވެގެން ދިޔުން.
5. އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ 'ފޯކަލް ޕޮއިންޓް' ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު އެ ފޯކަލްޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން.
ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ށ. ގައި ބުނަނީ، ރައްޔިތުންގެ މަޖިލީހަށް ރައީސް އަނބުރާ ފޮނުވާ ބިލެއް އެއްވެސް ބަދަލެއް ނުގެނެސް މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްފި ނަމަ "އެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކޮށް، ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާންވާނެ" ކަމަށެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް ކަނޑައަޅާފައިވީ ނަމަވެސް މަޖިލީހުން ފާސްކޮށްފައިވާ އިސްލާހުގައި އޮތީ އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހެއްގައި ނުބޭއްވޭނެ ކަމަށެވެ. އަދި އެއްވެސް އިންތިހާބެއް ރޯދަ މަހުގެ ދުވަހަކާ ދިމާވާ ނަމަ އެ އިންތިހާބެއް ބާއްވަން ޖެހޭނީ ރޯދަ މަސް ނިމޭތާ 10 ދުވަސް ފަހުން ކަމަށް ވެސް އިސްލާހުގައި ބުނެފައިވެ އެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *