މަޖިލިސް އިންތިހާބު ފަސްކުރާ ބިލް ތަސްދީގުނުކޮށް އަނބުރާ ފޮނުވާލައިފި

މަޖިލިސް އިންތިހާބު ފަސްކުރާ ބިލް ތަސްދީގުނުކޮށް އަނބުރާ ފޮނުވާލައިފި

ރޯދައިގެ ފަހުން އިންތިހާބު ބާއްވާ ގޮތަށް މަޖިލީހުން ފާސްކުރި އިންތިހާބުތަކާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައީސް ތަސްދީގު ނުކުރައްވައި އަނބުރާ މިއަދު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާލައްވައިފި އެވެ.

އަލުން ވިސްނާވަޑައިގަތުމަށް އެދި ރައީސް އަނބުރާ އެ ބިލް މަޖިލީހަށް ފޮނުއްވިކަން ރައީސް އޮފީހުން ދާދި ދެންމެއަކު ވަނީ ހާމަކޮށްފަ އެވެ. އެކަން ހާމަކުރަމުން ރައީސް އޮފީހުން ބުނީ އެ ބިލް ތަސްދީގުނުކުރައްވައި އަނބުރާ ފޮނުވާލީ ގާނޫނުއަސާސީގެ 91 ވަނަ މާއްދާގެ ހ. ގެ ދަށުން އެމަނިކުފާނަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން ކަމަށެވެ.

ބަންޑާރަ ނައިބުގެ ލަފާގެ މަތިން އެގޮތަށް ރައީސް ނިންމެވި ސަބަބުތަކުގެ ގޮތުގައި ރައީސް އޮފީހުން ބުނީ:

1. ގާނޫނުއަސާސީގެ 79 ވަނަ މާއްދާގެ ށ. ގައި ވާގޮތުން މިހާރު އޮތް މަޖިލީހުގެ އުމުރު ހަމަވުމުގެ 30 ދުވަސްކުރީން އާ މަޖިލީހުގެ އިންތިހާބުގެ ހުރިހާކަމެއް ނިންމަން ޖެހުން.

2. ނަމަވެސް އެ ބިލުގައިވާގޮތަށް އިންތިހާބު ބާއްވާ ނަމަ ގާނޫނުއަސާސީގައި ކަނޑައަޅާފައި އެވާ މުއްދަތުގެ ކުރިން އިންތިހާބުގެ ހުރިހާ ކަންކަން ނިމާނުލެވުމުގެ ފުރުސަތު އޮތުމުން އެގޮތަށް ކަނޑައެޅުމަކީ ގާނޫނުއަސާސީއާ ހިލާފުވާނޭ ކަމެއްކަން. 

3. ގާނޫނުއަސާސީގެ 75 ވަނަ މާއްދާގައި މަޖިލީސް މެންބަރުން ގާއުމުގެ މަސްލަހަތާ އެއްގޮތަށް ކަންކަންކުރަން ބުނޭ. ނަމަވެސް އިންތިހާބުގެ ތާރީހަށް ބަދަލު ގެންނަނީ މަޖިލީހުގެ ބައެއް މެންބަރުން އިންތިހާބުގައި ވާދަކުރާތީ އަމިއްލަ މަސްލަހަތަކަށްކަމަށް ބެލުމުގެ ފުރުސަތު އެބައޮތް. 
4. އިންތިހާބާ ބެހޭ ގާނޫނާ މިގޮތަށް ކުޅެ އިންތިހާބު ބާއްވާ ތާރީހު ބަދަލުކުރުމަކީ އިންތިޚާބާމެދު އޮތް އިތުބާރު ގެއްލޭނެކަމެއް.
4. މިހާރު ބިލް އޮތްގޮތުން ވޯޓުދޭ މީހުންގެ ލިސްޓް ގެޒެޓްކުރާއިރު ހުރިހާ ރައްޔިތުންގެ އައިޑީކާޑު ނަންބަރު އާއްމުކުރަން އޮތުން؛ މިއީ ކޮންމެހެން އާއްމުކުރަން ނުޖެހޭ ވަރަށް ބޮޑު ޒާތީ މައުލޫމާތެއް އާންމުވެގެން ދިޔުން. 
5. އިލެކްޝަންސް ކޮމިޝަނުން ކަނޑަޅާ 'ފޯކަލް ޕޮއިންޓް' ތަކަކަށް ބޮޑެތި ޒިންމާތަކެއް މަތިކޮށްފައިވީއިރު އެ ފޯކަލްޕޮއިންޓަކީ ކިހިނެއް އައްޔަންކުރާ ކާކުކަން ފަދަ އެއްވެސް ތަފްސީލެއް ބިލުގައި ބަޔާންވެފައި ނެތުން. 
ކުރިޔަށް އޮތް މަޖިލިސް އިންތިހާބު މާޗް 17 ގައި ބޭއްވުމަށް ކަނޑައަޅާފައިވީ ނަމަވެސް ރޯދަ މަހުގެ ފަހުން އިންތިހާބު ބާއްވަން މަޖިލިހުން ވަނީ ފާސްކޮށްފައެވެ.
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *