މިއަދު ބޭއްވުނު އއ. މާޅޮހު ކައުންސިލް ބައި-އިލެކްޝަން ސަރުކާރުގެ ކެންޑިޑޭޓް މާޔާ ކާމިޔާބު ކުރައްވަައިފިއެވެ.
މާޅޮހު ކައުންސިލްގެ އަންހެނުންނަށް ހާއްސަ ކުރާ ގޮނޑިއަށް ކައުންސިލަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި-އިލެކްޝަން އޭނާ ކާމިޔާބު ކުރީ އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ކެންޑިޑޭޓާއި ވާދަކޮށްގެންނެވެ.
އެގޮތުން ޕީއެންސީ ކެންޑިޑޭޓް މާޔާއަށް 267 ވޯޓު ލިބިވަޑައިގެންނެވިއިރު، އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި އަޒީނާއަށް ލިބިފައިވަނީ 164 ވޯޓެވެ. މި ބައި-އިލެކްޝަންގައި ޖުމްލަ 446 މީހަކު ވޯޓުލާފައިވާއިރު، 15 ވޯޓެއް ބާތިލް ވެފައި ވެއެވެ.
މި ބައި އިލެކްޝަންގައި 558 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވެއެވެ.
މީގެ އިތުރުންވެސް އިތުރު ބައި-އިލެކްޝަންތަކެއް ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އިޢުލާނުކޮށްފައެވެ. އޭގެ ތެރޭގައި ހއ. ތަކަންދޫ ކައުންސިލުން ހުސްވެފައިވާ އަންހެން މެންބަރުގެ ގޮނޑިއަށް ބާއްވާ ބައި-އިލެކްޝަނާއި، ނ. ވެލިދޫ ކައުންސިލުން ހުސްވެފައިވާ މެންބަރުކަމުގެ ގޮނޑިއަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަން ހިމެނެއެވެ.
ހަމައެހެންމެ، ނ. މާފަރު ކައުންސިލްގެ އަންހެން މެންބަރާއި މ. މަޑުއްވަރީ ކައުންސިލްގެ ރައީސަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ކުރިމަތިލުމުގެ ފުރުޞަތުވެސް މިހާރު އިލެކްޝަނުން ވަނީ ހުޅުވާލާފައެވެ.