ލިސްޓު ބާތިލުނުކުރާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ދީފަ: އެޗްއާރުސީއެމް

ލިސްޓު ބާތިލުނުކުރާނެކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ވަނީ ދީފަ: އެޗްއާރުސީއެމް

ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ލިސްޓު ބާތިލުނުކުރާނެ ކަމުގެ ޔަގީންކަން ހައުސިން މިނިސްޓްރީން ދީފައިވާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިން ބުނެފި އެވެ.

ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން އެޗްއާރްސީއެމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ ކޮމިޝަނުން ބަލަމުންދަނީ އިންސާނީ ޙައްޤުތަކުގެ ނަޒަރުން މި މަޝްރޫޢުގެ ދަށުން ކަން ހިނގާފައިވާ ގޮތުގެ ތަފްޞީލުތައް ކަމަށާއި މި މައްސަލައިގައި މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަށް ބަލާއިރު، މައްސަލަ ހުށަހެޅުނު ފަރާތްތަކުގެ ކިބައިން މަޢުލޫމާތު ސާފުކުރުމުގެ އިތުރުން، މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓާއި އަދި އެންޓި- ކޮރަޕްޝަން ކޮމިޝަނުން އެކި ފަހަރު މަތިން ބައްދަލުކޮށް މަޢުލޫމާތު ސާފުކުރެވިފައިވާ ކަމަށެވެ.

"މިހާތަނަށް ބޭއްވުނު ހުރިހާ ބައްދަލުވުމެއްގައި ވެސް މި މަޝްރޫޢުގެ ދަށުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ ލިސްޓް ބާޠިލްކޮށް އަލުން އިޢުލާނު ނުކުރައްވާނެ ކަމުގެ ޔަޤީންކަން މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓުން މި ކޮމިޝަނަށް ދެއްވާފައިވެ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެންޓި -ކޮރަޕްޝަން ކޮމިޝަނުން މިމައްސަލައާ މެދު ގޮތްތަކެއް ކަނޑައަޅާފައިވާތީ، އެ މަޝްރޫޢާ މެދު އަމަލުކުރަންވީ ގޮތުގެ ލަފަޔަކަށް ބަންޑާރަ ނައިބުގެ އޮފީހުގައި އެދިވަޑައިގަންފައިވާ ކަމުގެ މަޢުލޫމާތު ވެސް މިނިސްޓްރީން މައުލޫމާތު ދީފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ. މިކަމާ ގުޅިގެން އިތުރަށް ސާފުކުރަންޖެހޭ މަޢުލޫމާތުތައް ލިޔެކިޔުމުން ހޯދުމަށް އެދިފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.

އެޗްއާރްސީއެމުން ވަނީ މި މައްސަލައަކީ ރައްޔިތުންގެ ގިނަ ކަންބޮޑުވުންތަކެއް ހުރި މައްސަލައެއް ކަމަށްވާތީ، މި މައްސަލަ އަވަސް މުއްދަތެއްގެ ތެރޭގައި ނިންމުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *