ޗައިނާ އެމްބަސީގެ ފަރާތުން ކ. މާފުށި ސްކޫލަށް ކިޔަވައި ދިނުމާ ގުޅޭ ބައެއް ސާމާނާއި ކުޅިވަރާ ބެހޭ ބައެއް ސާމާނާއި ކޮމްޕިއުޓަރު ހަދިޔާކޮށްފިއެވެ.
މާފުށީގައި އިއްޔެ އޮތް ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި ޗައިނާ ސަރުކާރުން މާފުށީ ސްކޫލަށް ހަދިޔާކުރި ކިޔަވައިދިނުމާއި އުނގެނުމަށް ބޭނުންވާ ތަކެތީގެ ސަބަބުން މާފުށީ ސްކޫލްގެ ކިޔަވައިދިނުމާއި އަދި ދަރިވަރުންގެ އުނގެނުމަށް އިތުރު ކުރިއެރުން ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ. ހަމައެހެންމެ މީގެ ތެރޭގައި ހިމެނޭ ކުޅިވަރާގުޅޭ ސާމާނުގެ ސަބަބުން ކުދިންގެ ޖިސްމާނީ ދުޅަހެޔޮކަމަށް ހެޔޮބަދަލެއް އައުމަށް މަގުފަހި ވެގެންދާނެކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށް މިގޮތަށް ކުރެވޭ ހޭދައަކީ ހަމައެކަނި މާފުށީ ސްކޫލްގެ އިތުރުން އޭގެ ފައިދާ ދިގު މުއްދަތެއްގައި މުޅި ރަށަށްވެސް ލިބިގެންދާނެ ކަމެއްކަން ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެކަމަނާވަނީ، ދާދިފަހުން ރައީސް މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ޗައިނާއަށް ކުރެއްވި ދަތުރުފުޅު ފާހަގަކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެ ޤައުމުގެ ދެމެދު އޮންނަ ގާތް އެކުވެރި ގުޅުމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފައެވެ.
ޗައިނާއިން މާފުށީ ސްކޫލަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި ސްކޫލަށް ބޭނުންވާ ބައެއް އިކުއިޕްމަންޓްގެ އިތުރުން ބާސްކެޓް ބޯޅަ، ފުޓްބޯޅަ ފަދަ ކުޅިވަރުތަކަށް ބޭނުންވާ ބައެއް ސާމާނާއި، އައުޓްޑޯ ފިޓްނެސްއަށް ބޭނުންވާ ބައެއް ތަކެތި ހިމެނެއެވެ.