10 މޭ 2024ގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ މިލިޓަރީ ސިފައިން ގެންދާނެ ކަމުގައި ރައީސް މުއިއްޒު ވިދާޅު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ, މިއަދު ރައްޔިތުންގެ މަޖިލިހަށް އެމަނިކުފާނުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވިދާޅުވީ މީގެ ގާތްގަނޑަކަށް ދެމަހާ ފޮއިދުވަސްކުރީން، 17 ނޮވެމްބަރު 2023 ގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ބޮޑު ޒިންމާއާ އެމަނިކުފާނާ ޙަވާލުވިއިރު، ދިވެހި ރައްޔިތުންނަށް ވީ އެންމެ ބޮޑު ވަޢުދަކީ، ދިވެހީންގެ މިނިވަންކަމާ އަމިއްލަވަންތަކަން ޙިމާޔަތްކޮށްދޭނެކަމުގެ ވަޢުދު ކަމުގައެވެ.
އެގޮތުން ދިވެހި ރައްޔިތުންގެ ބޮޑު އަޣްލަބިއްޔަތެއް، އެމަނިކުފާނުގެ ސަރުކާރަކަށް ކުރި ތާއީދަކީ، ރާއްޖޭގައި ތިބި ބޭރުގެ ޢަސްކަރީ ސިފައިން މި ފަސްގަނޑުން ފޮނުވައިލުމަށާ، ރާއްޖޭގެ ކަނޑުން ގެއްލުނު ބައި އަނބުރާ ހޯދުމަށާ، ރާއްޖޭގެ ސިޔާދަތަށް އުނިކަމެއް ލިބިދާނެގޮތަކަށް ދައުލަތުން ހަދާފައިވާ ކޮންމެ އެއްބަސްވުމެއް އުވައިލުމުގެ މައްޗަށް ކުރި ތާއީދަކާ ހިފި ބައިޢަތެއް ކަމުގައި ރައީސް ވިދާޅުވިއެވެ.
އަދި ދިވެހި ޤައުމުގެ އެންމެ މަތީ ވަލީއާ ޙަވާލުވުމާއެކު، މި މުހިންމު ޤައުމީ މަސައްކަތް އަޅުގަނޑު ފަށާފައިވާކަމަށް ވިދާޅުވަމުން ރައީސް ވިދާޅުވީ، ދޭދޭ ޤައުމުތަކުގެ މެދުގައި މުޢާމަލާތުކުރާން އޮތް ޑިޕްލޮމެޓިކް ހަމަތަކުގެ މަތީން މަޝްވަރާތައް ދަނީ ކުރެވެމުން ކަމުގައެވެ.
ރާއްޖޭގައި ތިބި އުތުރުކަރައިގެ ސިފައިން ގެންގޮސްދެއްވުމަށް އެ ކަރައިގެ ސަރުކާރުގައި ވާނީ ދަންނަވާފައި. މިކަމުގެ މަޝްވަރާތައް މިހާރުވެސް ދަނީކުރެވެމުން. އެންމެ ފަހުގެ މަޝްވަރާތަކުން އެއްބަސް ވެވިފައިވާ ގޮތުގެމަތިން ދިވެހިރާއްޖޭގައި ޤާއިމްވެތިބި 3 އޭވިއޭޝަން ޕްލެޓްފޯމުތަކުގެ ތެރެއިން 1 ޕްލެޓްފޯމުގައި ތިބި މިލިޓަރީ ފަރާތްތައް 10 މާރިޗު 2024ގެ ކުރިން ގެންދާނެ. ބާކީ 2 ޕްލެޓްފޯމުން 10 މޭ 2024ގެ ކުރިން މިލިޓަރީ ފަރާތްތައް ގެންދާނެ.
ރައީސް ވިދާޅުވިއެބެ.
މިއަދުގެ ރިޔާސީ ބަޔާނުގައި ރައީސް އިތުރަށް ވިދާޅުވީ ރާއްޖޭގެ އިންތަކާ ކަނޑުއަޑީގެ ޗާޓުތައް ކުރަހައި ކަންކަން ބެލުމުގެ ބޮޑެތި އިޚްތިޔާރުތަކެއް އުތުރުކަރައަށް ލިބިދީފައިވާ އެއްބަސްވުން ދިވެހި ދައުލަތުން އަލުން އާ ނުކުރާނެ ވާހަކަވެސް މިހާރު ރަސްމީ ހަމަތަކުގެ މަތީން ދަންނަވާފައި ވާކަމަށާއި، ޤައުމުގެ ސިޔާދަތަށް ލޮޅުން އަރާނެ މިފަދަ އެއްވެސްކަމެއްގައި އެއްވެސް ފަރާތަކަށް ދޫ ނުދެއްވާނެ ކަމުގައެވެ.
ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.
ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ޤައުމުގެ ޙާލަތު ބަޔާންކޮށްދީ، ޤައުމުގެ ޙާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެކަމަށެވެ.