ހެލްތު މިނިސްޓަރު ހަލީލް (މ) ކެބިނެޓް ބައްދަލުވުމެއްގައި. --- ފޮޓޯ: ރައީސް އޮފީސް

އެއާ އެމްބިއުލާންސްއާއެކު ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ: ހަލީލް

އެއާ އެމްބިއުލާންސްއާއެކު ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ: ހަލީލް

އަންނަ މާޗް 1 ވަނަ ދުވަހު ފެށުމަށް ސަރުކާރުން ނިންމާފައިވާ އެއާ އެމްބިއުލާންސްގެ ހިދުމަތާ އެކުގައި ބަލި މީހުން އުފުލުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ ކަމަށް ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް މިއަދު ވިދާޅުވެއްޖެއެވެ.

ހަލީލް އެގޮތަށް ވިދާޅުވެފައި ވަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށް ގއ. ވިލިނގިލީ، ޕެންޒީއާގޭ، އުމުރުން 13 އަހަރުގެ މުހައްމަދު ޖާހު ހާލިދު، ނިޔާވި ހާދިސާއާ ގުޅިގެން ސަރުކާރަށް ފާޑު ކިޔަމުން އަންނަ ދަނޑިވަޅެއްގައެވެ.

ހަލީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހާލު ބޮޑު ބަލި މީހާ، ޓާޝަރީ ފެންވަރަށް ހިދުމަތް ލިބޭ ހޮސްޕިޓަލަކަށް އުފުލުމުގައި އެކިއެކި ސަބަބުތަކާ ހުރެ ލަސްވުމަކީ ޒަމާނުއްސުރެ ހައްލު ހޯދަން ރާއްޖޭގެ ރައްޔިތުން އެދި އެދި ތިބި ކަމެއް ކަމަށެވެ. ވެރިކަމުގެ ފުރަތަމަ ދުވަހުން ފެށިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މިކަމަށް ފުރިހަމަ އަށް ހައްލު ހޯދުމުގެ މަސައްކަތް ފައްޓަވާފައި ކަމަށް ހަލީލް ވިދާޅުވިއެވެ.

"ﷲ ގެ އިރާދަފުޅާއެކު ރައީސްގެ ވިސްނުންފުޅާ އެއްގޮތަށް އެއާ އެމްބިއުލާޏްސްގެ ހިދުމަތް 1 މާޗްގައި ތައާރަފް ކުރެވި ބަލި މީހުން އުފުލުމުގައި ލަސްވާ މައްސަލަ ނިމުމަކަށް އަންނާނެ،" ހަލީލް ވިދާޅުވިއެވެ.

ކުއްލި ފަރުވާއަށް ބަލިމީހުން ގެނެސްދިނުމުގައި އަމަލުކުރަމުން އަންނަ ނިޒާމު އިސްލާޙުކުރުމަށް ކަމާ ގުޅުން ހުރި ސަރުކާރުގެ ހުރިހާ އިދާރާތަކަށް ރައީސް މުއިއްޒު އިއްޔެ ވަނީ އަންގަވައިފައެވެ. ބަލި ހާލަތެއް މެދުވެރިވެގެން، އިތުރު ފަރުވާ ދިނުމަށް، ވައިގެމަގުން ބަލިމީހަކު ގެނެސްދޭންޖެހޭ އެއްވެސް ހާލަތެއްގައި، އާސަންދަ ފަދަ އިދާރާތަކުން ކަންކަން ހަމަޖެހެންދެން މަޑުނުކުރެއްވުމަށް ރައީސް ވަނީ، އެދިވަޑައިގެންފައެވެ. އަދި ސިއްހީ ފަރުވާދޭ ތަނަކުން އެފަދަ ކަމަށް އެދުމާއެކު، ވީ އެންމެ އަވަހަކަށް ބަލިމީހާ ގެނެސްދިނުމަށް އިސްކަން ދިނުމުގެ އުސޫލެއް އައިލެންޑް އޭވިއޭޝަނުން ކަނޑައަޅައި އެގޮތަށް އަބަދުވެސް އަމަލުކުރަމުން ގެންދިއުމަށް ރައީސުސް ވަނީ އެދިވަޑައިގެންފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *