މޫސާ ޒަމީރު ޖައިޝަންކަރުއާއި ބައްދަލު ކުރައްވާ އިންޑިއާ ސިފައިން ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

މޫސާ ޒަމީރު ޖައިޝަންކަރުއާއި ބައްދަލު ކުރައްވާ އިންޑިއާ ސިފައިން ގެންދިއުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފި

Author
ހުސެއިން
18 ޖެނުއަރީ 2024 08:46
0

ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާގެ އެކްޓާރނަލް މިނިސްޓަރ ޑރ. ޖައިޝަންކަރުއާއި ބައްދަލު ކުރައްވައިފިއެވެ.

މުސާ ޒަމީރު ޖައިޝަންކަރުއާއި ބައްދަލު ކުރައްވާފައިވަނީ ޔުގަންޑާގެ ކަމްޕާލާގައި މިހާރުކުރިއަށްދާ ނާމްގެ މިނިސްޓަރުންގެ ބައްދަލުވުމުގެ ހަވާސާގައެވެ.

މިއަދުގެ ބައްދަލުވުމަށްފަހު މޫސާޒަމީރު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރާ ބައްދަލުކުރެއްވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއްކަމަށާއި، މިބައްދަލުވުމުގައި ރާއްޖޭގަ ތިބި އަސްކަރީ ސިފައި ރާއްޖެއިން އަނބުރާ ގެންދިއުމާއި ގުޅޭގޮތުން މިހާރުކުރިޔަށްދާ މަތީފަންތީގެ މަޝްވަރާތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައިވާ ކަމުގައެވެ.

އަދި އޭގެ އިތުރުން އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ނިމުން އަވަސްކުރުމުގެ އިތުރުން، ސާކާއި ނާމްގެ ތެރޭގައި އެއްބާރުލުން ދިނުމާ ބެހޭގޮތުންވެސް މަޝްވަރާ ކުރެއްވި ކަމުގައެވެ.

އަދި ދެގައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ދެގައުމުންވެސް ތައްޔާރަށް އޮތް ކަމުގައިވެސް މޫސާ ޒަމީރުގެ އެކްސް ޕޯސްޓުގައި ވިދާޅުވެފައި ވެއެވެ.

މި ބައްދަލުވުމަށްފަހު ޖައިޝަންކަރު ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ ދެގައުމުގެ ގުޅުމާއި ބެހޭ ގޮތުންނާއި އަދި ނާމްގެ ކުރިމަގާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމުގައެވެ.

ރާއްޖޭގަ ތިބި އިންޑިއަ ސިފައިން ބޭލުމާއި ގުޅޭގޮތުން، މިމަހުގެ 14 ވަނަ ދުވަހު ރާއްޖޭގެ ފޮރިން މިނިސްޓްރީގައި ބޭއްވުނު ބައްދަލުވުމަށްފަހު ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅިވެފައިވަނީ، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމުގެ މަސައްކަތް އަވަސް ކުރުމަށް ދެގައުމުން އެއްބަސްވެފައިވާ ކަމުގައެވެ.

އެހެންނަމަވެސް މި ބައްދަލުވުމަށްފަހު އިންޑިއާއިން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުން ކުރެވެމުންދާ އިންޑިއާގެ ވައިގެ އުޅަދުތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުން ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނު ކަމުގައެވެ.

ރާއްޖޭގައި ތިބި 88 އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން ރާއްޖެއިން ގެންދިޔުމަށް ދިވެހި ސަރުކާރުން އެދިފައިވާކަން ރައީސް އޮފީހުން މީގެކުރިން ވަނީ ހާމަ ކޮށްފައެވެ

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.