އދ. އިސްލާހު ކުރަން ނާމުން ލީޑް ރޯލެއް ކުޅެން ޒަމީރު ގޮވާލައްވައިފި

އދ. އިސްލާހު ކުރަން ނާމުން ލީޑް ރޯލެއް ކުޅެން ޒަމީރު ގޮވާލައްވައިފި

Author
އަހުމަދު
17 ޖެނުއަރީ 2024 11:20
0

އދ. އާއި އެ ޖަމާއަތާ ގުޅޭ އެހެން ގުނަވަންތަކުން އިސްލާހުކުރުމަށް ނޮން އެލައިންޑް މޫވްމަންޓް (ނޭމް) އިން އިސްނެގުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރު މިއަދު ގޮވާލައްވައިފިއެވެ.

ޔުގަންޑާގެ ކަމްޕާލާގައި މިހާރުކުރިއަށްދާ ނާމްގެ މިނިސްޓަރުންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ނޭމް އަކީ ފިކުރީ ބައިބައިވުމާއި ޖިއޮޕޮލިޓިކަލް ބަދަލުތަކާއި މީގެ ކުރިން ނުފެންނަ މުސީބާތްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް ލިބުނު އުއްމީދެއް ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ މައްސަލަތަކާއި ގޮންޖެހުންތަކަށް އަހުލުވެރިވެ ބައިނަލްއަގުވާމީ މުޖުތަމައުގައި ޖަމިއްޔާގެ މުހިންމުކަން ސާބިތުކޮށްދީ ހަރުދަނާ ކުރަން ޖެހޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

އެގޮތުން ނާމުން މިހާރު މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލު ބަދަލު ކުރުމާއި މަޝްވަރާގެ އުސޫލު އިސްލާހު ކުރުމާއި ބައިނަލްއަގުވާމީ ހިންގުމުގެ އުސޫލުތަކަށް ބަދަލު ގެނައުމުގައި ނާމުން އިސް ދައުރެއް އަދާ ކުރުމަށް ވެސް ޒަމީރު އެދިވަޑައިގެންނެވިއެވެ. އދ. ގައި މިހާރުގެ މަސައްކަތް ކުރުމުގެ އުސޫލުތަކަށް އިންގިލާބީ ބަދަލެއް ގެނައުމަށާއި ސަގާފީ މައްސަލަތަކުން ބޭރުގައި އެހެން މައްސަލަތަކާ ގުޅޭ ގޮތުން ވެސް ވަރުގަދަ މަޝްވަރާތައް އުފެއްދުމަކީ މުހިންމު ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޒަމީރުގެ ވާހަކައިގައި ވަނީ ފަލަސްތީނުގެ މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ވެސް ފާހަގަ ކުރައްވައިފައެވެ.

ނާމް 1961 ވަނަ އަހަރު އުފެއްދި އިރު، އެ ޖަމްއިއްޔާގައި 120 މެމްބަރު ގައުމު ހިމެނެއެވެ. ރާއްޖެ ނާމްގެ މެމްބަރަކަށް ވީ 1976 ވަނަ އަހަރެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.