ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފަށާފައިވާ "ގެދޮރުވެރިޔާ ސްކީމް"ގެ ދަށުން ފްލެޓް ދިނުމުގައި ފާހަގަކުރެވުނު މައްސަލަތަކާ މެދު ވަރަށް އަވަހަށް ކޮމިޝަނުން ގޮތެއް ނިންމާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.
"ޚަބަރު އޮންލައިން" އަށް މިއަދު މައުލޫމާތު ދެއްވަމުން އޭސީސީގެ އޮފިޝަލަކު ވިދާޅުވީ މި މަސައްކަތުގެ އެންމެ ފަހުގެ މަސައްކަތް ތައް ކުރިއަށްދާ ކަމަށާއި ސާފުކުރަން ހާޒިރުކުރަން ޖެހޭ ފަރާތްތައް ކޮމިޝަނަށް ހާޒިރުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ.
ނަމަވެސް މަސައްކަތް ނިމޭނެ ސީދާ ތާރީހެއް ބުނެދެވެން ނެތް ކަމަށާއި ނަމަވެސް އެންމެ ފަހުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި ވަރަށް އަވަހަށް ނިންމާލެވޭނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ގެދޮރުވެރިއްޔާ" ސްކީމްގެ ދަށުން އިއުލާނުކުރި 4،000 ފްލެޓް ދޫކުރުމުގެ މަރުހަލާގައި އޭސީސީން އެ މަސައްކަތް ހުއްޓުވާލީ ފްލެޓަށް ކުރިމަތިލި ފަރާތްތަކަށް ޕޮއިންޓް ދިނުމުގައި ނުގަވާއިދުން އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެވެ.
އޭގެ ފަހުން ހޯމް މިނިސްޓްރީން ކަމާ ބެހޭ ޕޯޓަލްއަށް ވަނުމުގެ ހުއްދަ ނުދިނުމުން ގިނަ ދުވަސްތަކެއް ވަންދެން ތަހުގީގު ވަނީ ހުއްޓިފަ އެވެ. ނަމަވެސް މިނިސްޓްރީން އެކްސެސް ދިނުމުން އެ ކޮމިޝަނުން ވަނީ ޑިސެމްބަރު މަހުގެ ކުރީކޮޅު އެ މައްސަލަ ބަލަން ފަށައިފަ އެވެ.
ކުރީ ސަރުކާރުން ދީފައިވާ ގިނަ ފްލެޓްތައް ހަވާލު ކޮށްފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަބުރުވެސް ނިމުން ފަހުންނެވެ. އެހެންނަމަވެސް އަލަށް އިންތިޚާބުވި ސަރުކާރުން އޭރުވަނީ އިންތިގާލީ މަރުހަލާގައި ފްލެޓްތައް ނުދިނުމަށް އޭރުގެ ސަރުކާރަށް އިލްތިމާސް ކޮށްފައެވެ.