ފާއިތުވި ރިޔާސީ އިންތިޚާބުގައި ވެރިކަން ކުރާ ޕީއެންސީއަށް ލިބުނު ކާމިޔާބު ފުރިހަމަވެގެންދާނީ ކުރިޔަށް އޮތް މޭޔަރ އިންތިޚާބާއި އަދި އޭގެފަހުން އަންނަ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުވެސް ކާމިޔާބު ކުރެވިގެން ކަމުގައި، ޕީއެންސީގެ ޓިކެޓުގައި މޭޔަރުކަމަށް ވާދަކުރައްވާ އާޒިމާ ޝަކޫރު ވިދާވެއްޖެއެވެ.
އާޒިމާ މިހެން ވިދާޅުވީ މިރޭ ގަލޮޅުގައި މިރޭ ބޭއްވި، މާލޭގެ މޭޔަރުކަމަށް ޕީއެންސީގެ އެކަމަނާގެ ކެމްޕޭންގެ ކަންމަތީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މިރޭގެ ކަންމަތީ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވި ކުރިޔަށްދާ ކެމްޕޭންގައި ދެކޮޅަށް ނުކުމެތިބި ވާދަވެރިންނަކީ މުޅިން ދުރުބައެއްވެސް ނޫންކަމަށާއި، ވަގާތުން، ވިސްނުމާއި ފިކުރު ދަންނަ މީހުންވެސް ދެކޮޅަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެގޮތުން އާޒިމާ ވިދާޅުވީ އެކަމަނާގެ އިލްތިމާސަކީ އެކަމަނާގެ ކެމްޕޭންގެ ސަފުތައް ރޫޅާކިޔަ ނުދެއްވުން ކަމުގައެވެ.
އަޅުގަޑުމެންގެ ބަދަހިކަން ދުއްވާލިޔަ ނުދެއްވައްޗޭ، މިވަގުތަކީ އަޅުގަޑުމެންނަށް ލިބެމުން އަންނަ ޗެލެންޖުތައް، އަންނަ ގޮންޖެހުންތަކާ ދެކޮޅަށް އަޅުގަޑުމެން މިތިބީ އެއްސަފެއްގަކަން ދެންތިބި މީހުންނަށް ދައްކަންވީ ވަގުތު. އަޅުގަޑުމެންނަށް މިހުރި ގޮންޖެހުންތަކުގެ އެންމެންނަށް އެއްސަފެއްގަ، މި ސަފުތަކުގެ ތެރެއަށް މީހަކަށް ވަދެ ނުލެވޭގޮތަށް ރުކުރުވާލެވިއްޖެކަމަށް ވާނަމަ އަޅުގަޑުމެންނަށް އިރާދަ ކުރެއްވިއްޔާ މި 5 އަހަރު ތެރޭ އަމާން ރީތި ނަލަ ދަތުރަކާއެކުގަ އަޅުގަޑުމެންގެ ވިޝަން، ރައީސް މުއިއްޒުގެ ވިޝަން އިރާދަ ކުރެއްވިއްޔާ އަޅުގަޑުމެންގެ ޓީމުން ކާމިޔާބު ކުރާނެ.
އާޒިމާ ވިދާޅުވިއެވެ.
މިރޭގެ ޖަލްސާގައި އާޒިމާ ވިދާޅުވީ އަބަދުވެސް ނަސްރު ލިބިގެންދާނީ ހައްގަށް ކަމަށާއި، އެކަމަނާގެ މައްޗަށް ކުރި ދޮގު ތުހުމަތުތަކާއި ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރުނު ބަޔާނުންވެސް އެކަން ސާފުވެގެން ހިގައްޖެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ