މާލޭގެ އިތުރުން ވިލިމާލޭގެވެސް ހުރިހާ މަގެއް ހެދުމުގެ ޕްލޭނެއް ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނެ ކަމުގައި ޕީއެންސީގެ ޓިކެޓްގައި މާލޭގެ މޭޔަރުކަމަށް ވާދަކުރާ ކުރީގެ ބަންޑާރަނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
މިރޭ ކުރިޔަށްދާ ޕީއެސްއެމް މޭޔަރު ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ މާލޭގެ ހުރިހާ މަގެއް އަލުން ހެދުމާއި އޭގެ އިތުރުން ފެންހިންދުމުގެ ނިޒާމާއި، ނަރުދަމާގެ ނިޒާމާއި އަދި ކަރަންޓުގެ ކޭބަލްތަކަށް އަލުން ހޮޅި ވަޅުލާ، މުޅި މާލޭގެ ސަރަހައްދަށް އަލުން ބޮޑެތި ބަދަލުތައް މާލެ އަލުން ޑިވެލޮޕްކުރުމުގެ ޕްލޭންގައި ހިމެނިގެންދާނެ ކަމުގައެވެ.
އަދި އާޒިމާ ވިދާޅުވީ ވިލިމާލޭގެ މަގުތައް ވެސް ހުރީ އެންމެ ފުރަތަމަ ގައު އަޅާފަ، ހެދި ގޮތަށް ކަމަށާއި، ވިލިމާލޭގެ މަގުތައް ވެސް އަލުން ހެދުމުގެ ޕްލޭނެއް އިއުލާންކުރާނެ ކަމުގައެވެ.
މާލޭގެ މަގުތައް ރީޑިވަލޮޕް ކުރުމަކީ އަޅުގަނޑުމެން ގަބޫލު ކުރަން ޖެހޭކަމެއް، އޭގެތެރޭގައި ފެން ހިންދުމުގެ ނިޒާމާ އަދި ނަރުދަމާއާ ހަމައެޔާއާއެކު މާލޭގައި އެކި ހިދުމަތްތަކުގައި ވަޅުލަމުންދާ ކަރަންޓާއި އެހެން ހިދުމަތްތަކަށް ބޭނުންވާ ހޮޅިތައް، އެކީ އެއްފަހަރާ ވަޅުލާ، މާލޭގެ ހުރިހާ މަގެއް ހެދުމުގެ ޕްލޭނެއް ވަރަށް އަވަހަށް އަޅުގަނޑުމެން އިއުލާން ކުރާނަން. އަޅުގަނޑުމެންގެ ޒިންމާއަކީ ހަމައެކަނި މާލެއެއް ނޫން، ވިލިމާލެ ވިޔަސް ހުޅުމާލެ ވިޔަސް އަޅުގަނޑުމެންގެ ޒިންމާއެއް އެއީ، ހުޅުމާލެ ފޭސް އެކަކީ ސްޓޯމް ވޯޓަރ ޑްރައިނޭޓް ސިސްޓަމާއެކު ހެދި ތަނެއް، މިދިޔަ ފަސް އަހަރު މެނޭޖް ނުކުރެވިގެން ގޮސް މިހާރު ރަނގަޅަށް ވާރޭވެހިލައިފިއްޔާ ހުޅުމާލޭގެ މަގުތަކުގައި ފެންބޮޑުވާނެ. ކާކުތޯ ޒިންމާ ނަގަނީ؟ ހުޅުމޭލެ ފޭސް ދޭއްގައި މިހާރު ހުރި މަގުތަކުގެ ވެސް ހަނިކަމަށް ބަލާފަ، އެއަށްވުރެން ރަނގަޅު ހައްލުތައް ވެސް އަޅުގަނޑުމެން ހޯދަންޖެހޭ. ވިލިމާލޭގެ މަގުތައް ވެސް އެހެރީ އެންމެ ފުރަތަމަ ގައު އަޅާފަ، ހެދި ގޮތަށް. ވިލިމާލޭގެ މަގުތައް ވެސް އަލުން ހެދުމުގެ ޕްލޭނެއް އިއުލާންކުރާނެ.
ރޭ ޕީއެސްއެމްއިން ކުރިޔަށް ގެންދިޔަ މާލޭ މޭޔަރ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވިއެވެ.
ރޭގެ ބަހުސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ މާލެއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ގެނެވޭނީ މުޅިމާލެއަށް އެކީ އަމާޒު ކޮށްގެން ކަމަށާއި، މާލެއަކީ ދިރިއުޅެވޭ ތަނަކަށް ހެދޭނީ މުޅި މާލެ އެކީ އަލުން ޑިވެލޮޕްކުރުމުގެ ވިސްނުމެއް ގެންގުޅެގެން ކަމަށާއި އެ ހައްލު ހޯދާނީ މާލޭގެ ރައްޔިތުންގެ ވިސްނުމާއި ލަފާވެސް ހޯދައިގެން ކަމުގައެވެ.
ކޮމެންޓު ފޮނުވާ