ދައުލަތުގެ ބައެއް ވެބްސައިޓްތައް ޑައުންވި މައްސަލަ ކަމާބެހޭ ފަރާތްތަކުން ބަލަން ފަށައިފިއެވެ. ރޭ ޑައުންވި ވެބްސައިޓްތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓާއި، ޓޫރިޒަމް މިނިސްޓްރީ، އަދި ފޮރިން މިނިސްޓްރީގެ ވެބްސައިޓް ހިމެނެއެވެ.
ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީއާއި ކަމާބެހޭ އިދާރާތައް ގުޅިގެން ރައީސް އޮފީހުގެ ވެބްސައިޓަށް ދިމާވި މައްސަލަ ބަލަމުން އަންނަ ކަމަށް ރަސްމީ ބައެއް ފަރާތްތަކުން ވަނީ މައުލޫމާތު ދީފައެވެ.
ރައީސް އޮފީހާއި ސަރުކާރުގެ މުހިންމު ބައެއް މިނިސްޓްރީތަކުގެ ވެބްސައިޓްތައް ރޭވަނީ ޑައުންވެފައެވެ.. އެގޮތުން ޑައުންވި މުހިންމު ވެބްސައިޓް ތަކުގެ ތެރޭގައި ރައީސް އޮފީހުގެ ވެބްސަައިޓާއި، ފޮރިން މިނިސްޓްރީ އަދި ޓުއަރިޒަމް މިނިސްޓްރީގެ ވެބްސައިޓް ހިމެނެއެވެ.
ސަރުކާރުގެ މުހިންމު ބައެއް ވެބްސަައިޓްތައް ޑައުންވީ، އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެކްސްކުރި ޕޯސްޓަކަށްފަހު، އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖެއާއި ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފެށުމާއި ގުޅިގެން، ރާއްޖޭގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ގިނަ އަދަދެއްގެ ދިވެހިން ރާއްޖެއާއި ދެކޮޅަށް ހިންގަމުންދާ އެންޓި ކެމްޕޭނަށް ރައްދު ދޭން ފަށާފައި ވަނިކޮށެވެ.
އެހެންނަމަވެސް، ސަރުކާރުގެ އިސް މަގާމްތަކުގައި ތިއްބެވި ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ކުރެވެމުންދިޔަ މި ބަހުސްގެ ތެރެއަށްވަދެ، އިންޑިއާއަށް ފާޑުކިޔަން ފެށުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެވެމުންދާ ބަހުސްވަނީ ހޫނުވެފައެވެ. އަދި އިންޑިއާގެ ބައެއް ނޫސްވެރިންނާއި ސޯޝަލް މީޑިއާ ބައެއް އެކްޓިވިސްޓުންވަނީ ރައީސް މުއިއްޒުގެ ސަރުކާރަށްވެސް ފާޑު ކިޔާފައެވެ.
އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ޖަޒީރާ މަންޒިލެއް ކަމުގައިވާ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރަން އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓާއެކު, ރާއްޖެއާ ދެކޮޅަށް އިންޑިއާގެ މީސް މީޑިއާގެ ވަސީލަތްތަކުގައި ކެމްޕޭނެއް ފެށީ ފާއިތުވި ހަފްތާގައެވެ.
ލަކްޝަޑްވީޕް އަކީ، ރާއްޖެއާއި ޖޯގްރަފީގެ ގޮތުން އެއްގޮތްކަން ހުރި، އަތޮޅެއްގެ މައްޗަށް އެކުލެވޭ ރަށްތަކެކެވެ. އެ ރަށްތަށް އޮންނަނީ ހދ. އަތޮޅު މަތިން އިންޑިއާ އާ ދެމެދުގައެވެ. އިންޑިއާގެ މަލިކަކީ ލަކްޝަޑްވީޕްގެ ބައެކެވެ.
ފާއިތުވި ހަފްތާގައި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ވަނީ ލަކްޝަޑްވީޕްއަށް ޒިޔާރަތް ކުރައްވާ، އެ ރަށްތަށް ޕްރޮމޯޓު ކުރުމަށް ސޯޝަލް މީޑިއާގައި ވީޑިއޯތަކެއް ޕޯސްޓު ކޮށްފައެވެ. މޯޑީ ވިދާޅުވެފައިވަނީ އެ ރަށްތަކުގައި ފަތުރުވެރިކަން ޕްރޮމޯޓު ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.
މޯޑީވަނީ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރުމުގެ ގޮތުން، އެރަށުގެ ޤުދުރަތީ ތީރިކަން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކާއި, އަދި ފީނުމަށް ވަޑައިގެންވި މަންޒަރުތައް ވެސް އެކްސްގައި ޕޯސްޓު ކުރައްވާފައެވެ.
މޯދީގެ އެކްސް ޕޯސްޓާއެކު އިންޑިއާގެ އެންމެ ޓްރެންޑިން ޓޮޕިކަކަށް ލަކްޝަޑްވީޕް ވެގެން ގޮސްފައި ވެއެވެ. އަދި އެތަނަށް ޒިޔާރަތްކުރުމުގެ ޝައުގުވެރިކަން އެތައްބަޔަކު ވަނީ ފާޅު ކޮށްފައެވެ.
އެހެންނަމަވެސް މޯޑީގެ އެކް ޕޯސްޓާއެކު ގިނަ ބަޔަކު ލަކްޝަޑްވީޕް ރާއްޖެއާއި އެއްގޮތް ކޮށްފައިވިނަމަވެސް، އިންޑިއާގެ ބައެއް ނޫސްވެރިންނާއި އަދި ސިޔާސީ ބައެއް ފަރާތްތަކުންވެސް ވަނީ ރާއްޖެއާއި ވާދަވެރި އެތައް ޓުވީޓުތަކެއް ކޮށްފައެވެ. އަދި ބައެއް ފާރާތަތްކުންވަނީ، "ޗައިނާއަށް ތާއީދުކުރާ ރާއްޖެއަށް" އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނުގޮސް ލަކްޝަޑްވީޕް ދިއުމަށްވެސް ގޮވާލާފައެވެ.
އިންޑިއާގެ މީސް މީޑިއާގައި ފާޑު ކީ ބައެއް ފަރާތްތަކުން ވަނީ ލަކްޝަޑްވީޕްގައި ޓޫރިޒަމް ފެށުމާއެކު ރާއްޖެއިން "އިންޑިއާ އައުޓް"ވާނެ ކަމަށް ބުނެ، ކުރީގެ އިދިކޮޅު ފަރާތްތަކުން ހިންގި "އިންޑިއާ އައުޓް" ކެމްޕޭނަށް މޭރުންކޮށްވެސް އެކްސް ޕޯސްޓު ކޮށްފައެވެ.
އަދި މޯޑީގެ މި ޕްރޮމޯޝަނަލް ޕޯސްޓަކީ އިންޑިއާއިން ރާއްޖެއަށް އިތުރަށް ބޭނުން ނުވާކަމުގެ ސިގްނަލެއްކަމަށްވެސް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.
އިންޑިއާއަކީ 2023 އަދި 2022 ވަނަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި މަންޒިލްކަން ފާހަގަކޮށްލެއެވެ.
ކޮމެންޓު ފޮނުވާ