ކަށަަވަރު ނުކޮށް އަބުރު ގެއްލޭގޮތަށް ޚަބަރު ޝާއިރުކުރި ނޫހާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގައި ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ކޮންގްރެސް ޕާޓީގެ ފަރާތުން މޭޔަރުކަމުގެ އިންތިހާބުގައި ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ހުޅުމާލޭގެ ޕްލެޓިނަމް ރެސިޑެންސުން 2016 ވަނަ އަހަރުގެ ތެރޭގައި ބައްލަވައިގެންފައިވާ ފްލެޓް ގަތުމަށް އެތަން ހެދި ކުންފުނިން އޭނާއަށް ލޯނެއްގެ ގޮތުގައި ދީފައިވާ 1.96 މިލިއަން ރުފިޔާ ނުދައްކައިގެން ދައުވާ އުފުލައިވާކަމަށް ބުނެ އޮންލައިން ނޫހަކުން މިއަދު ޝާޢިއުކުރި ޚަބަރަކާއި ގުޅޭގޮތުން އާޒިމާ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ނޫހުން އެ ޚަބަރު ލިޔެފައިވަނީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް ކަމަށާއި، ޚަބަރު ލިޔެފައިވަނީ އެއްފަރާތަށް ބުރަވެ ކަމަށެވެ.
އަޅުގަޑު މިއަދު ހައިރާންވަނީ އަޅުގަޑަށް ނޭގި އޮތްކަމެއް.. ދައުރު ނޫހަށް ކިހިނެއްހޭ ޗިޓު ލިބުނީ! އަޅުގަޑު ނުދައްކާންހުރި ވާހަކަ އަނެއްކާވެސް ތިބޭފުޅާ (ނޫސްވެރިޔާ) ވަޑައިގަތީމަ މި ދެއްކީ. ކިހިނެއްހޭ އަޅުގަޑުގެ މައްޗަަށް ހުކުމް ކުރަން އޮތް މައްސަލައެއްގެ ޗިޓު ދައުރު ނޫހަށް ލިބުނީ. އެއީ މި ކުރާ ސުވާލަކީ. އެހެންވީމަ އަޅުގަޑު މި ދަންނަވަނީ، މީގެ އޮންނާނީ ދެގޮތުންކުރެ އެއްގޮތެއް. އަޅުޑުގެ ވަކީލުން މިހާރު ލިޔުއްވައިފިއޭ ސިވިލް ކޯޓަށް، މިކަން އޮތްގޮތެއް ސާފުކުރަން. ސާފުކުރާއިރުގަ، އަޅުގަޑަށް އޮތް ގާނުނީ ހައްގުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅެއް ދައުރު ނޫހާއި ދޭތެރޭ އަޅުގަޑު އަޅާނަމޭ. އެއީ އަޅުގަޑުގެ އަސާސީ ހައްގެކޭ
އާޒިމާއާއި ގުޅުންހުރި މައްސަލައެއްގައި ފުރިހަމައަށް މައުލޫމާތު ސާފުނުކޮށް ޚަބަރު ޝާއިއުކޮށްފައިވާކަމަށް މޭރުން ކުރައްވަމުން އާޒިމާ ވިދާޅުވިއެވެ.
އާޒިމާ ވިދާޅުވީ ވިދާޅުވީ، އޭނާއާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް ދައުރު ނޫހުގެ ނޫސްވެރިޔާ އޭނާ ގުޅުމުން ވަކީލުންނަށް ގުޅުމަށް ބުނި ކަމަށާއި، އެހެންނަމަވެސް މައުލޫމާތު ސާފުކުރުމަށް ވަގުތުކޮޅެއް ދިނުމަށް އެދިފަ ވަކީލު އޭނާއަށް ގުޅިކަމަށެވެ. އަދި ވަކީލު ގުލާފަ، ފޯނު ބާއްވާފަ ދެން ބެލިއިރު އޮތީ އާޓިކަލް ޖަހާފަ ކަމުގައެވެ.
އަޅުގަޑުގެ ވަކީލު.. އެ 15 ވަރަކަށް މިނިޓް ވީ. ވަކީލް ވިދާޅުވީ، އަޅުގަޑުމެން އަތުގަ ރެކޯޑިން އެބައޮތޭ. އިނގޭތޯ! ވަކީ ވިދާޅުވީ ތިމަންނައަށް ދޭށޭ ވަގުތުކޮޅެއް ތިކަން ސާފުކޮށްލަން. އެހެން ވިދާޅުވެފަ އަޅުގަޑައ ފޯންކުރީ. ތިމަންނަ އެހެން ބުނެފީމޭ. އޭރު އަޅުގަޑު އިނީ ކާރުގަ މާލެ އަންނަން. ފޯނުކޮށްފަ ދެން އަޅުގަޑު ބެލިއިރު އޮތީ އާޓިކަލް ޖަހާފަ. އަޅުގަޑުގެ ވަކީލް ގުޅި ތިކޮޅަށް. އަޅުގަޑުގެ ވަކީލް އެއްސެވީ ކީއްވެހޭ ތިމަންނައަށް ޖަވާބުދާރީ ވާން ފުރުސަތު ނުދީ އާޓިކަލް ޖެހީ. ބުނީމަ ބުނީ އެޑިޓޯރިއަލްއިން ތިމަންނައަށް ޕްރެޝަރ ކުރާތީއޭ. އާދެ! އަޅުގަޑުމެން އަތުގަ އޯޑިއޯ ރެކޯޑިން އެބައޮތް.
އާޒިމާ ވިދާޅުވިއެވެ.
އޮންލައިން ނޫސް "ދައުރު ނޫހުގައި" މިއަދު ލިޔެފައިވަނީ އާޒިމާއާއި ދެކޮޅަށް އަމިއްލަ ކުންފުނިން ކޮށްފައިވާ ދައުވާގެ މައްސަލައިގެ ހުކުމް ކުރަން ބާއްވާ އަޑުއެހުން އަންނަ އަންގާރަ ދުވަހަށް ތާވަލް ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލާގައި މިހާތަނަށް ބޭއްވި އަޑުއެހުންތަކަށް ވެސް އާޒިމާ ކޯޓަށް ހާޒިރުވެފައެއް ނުވާކަމަށްވެސް ނޫހުގައި ލިޔެފައި ވެއެވެ.
މި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވެފައިވަނީ އޭނާގެ މައްޗަށް ކުރާ ދައުވާއެއް އޮތްނަމަ ޗިޓު ހަވާލު ކުރުމަށްފަހު ޖަވާބުދާރީވާން ދެ ހަފްތާގެ މުހުލަތެއް ދިނުމަށް ޖީނާއީ އިޖުރާއަތުގެ ގާނޫނުން ލާޒިމްކުރާކަމަށާއި، އެހެންނަމަވެސް އެ މަރުހަލާވެސް ކުރިޔަށް ނުދަނީ، "ދައުރު ނޫހަށް" އޭނާގެ ޗިޓް ލިބުމުން ސުވާލު އުފެދޭ ކަމަށެވެ.
ޕްރެސް ކޮންފަރެންސްގައި އާޒިމާގެ ވަކީލުންވެސް ވިދާޅުވެފައިވަނީ މިވަގުތާއި ހަމައަށްވެސް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވާކަމަށް މައުލޫމާތެއް ލިބިފައެއް ނުވާކަމަށާއި، ކަން ހިގައިދިޔަގޮތް ސާފުކުރުމަށް ސިވިލް ކޯޓުގައި ސިޓީއަކުން އެދިފައިވާ ކަމުގައެވެ.
ކޮމެންޓު ފޮނުވާ